މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 70 ބިލިއަނަށްވުރެ މައްޗަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ހީވެސް ނުކުރާވަރުގެ ގެއްލުމެއް ވަމުންދާ ކަމަށާއި، އެހެންކަމުން މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ.
ސަރުކާރުން ކުރިން ލަފާކޮށްފައި އޮތީ، މިއަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނީ 57 ބިލިއަން ރުފިޔާގައި ކަމަށެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އިގްތިސޯދަށް އައިސްފައިވާ ހީނަރުކަމާއެކު ދައުލަތުގެ ދަރަނި މިއަހަރު ނިމޭއިރު ހުންނާނީ ގާތްގަނޑަކަށް 70.4 ބިލިއަން ރުފިޔާގައި ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ފައިނޭންސިން ގެޕު ބޮޑުވާ ވަރަކަށް އަޅުގަނޑުމެންގެ ދައުލަތުގެ ދަރަނިވެސް ބޮޑުވެގެންދާނެ. އެއީ އަޅުގަނޑުމެން ފައިނޭންސިން އެކި ގޮތްގޮތަށް ހޯދަމުންދާއިރު. އަޅުގަނޑުމެން ފާސްކުރި ބަޖެޓުގައި ޖުމްލަ ދަރަނި ގެރެންޓީ ނުހިމަނައި ހުންނާނެކަމަށް އަޅުގަނޑުމެން ލަފާކޮށްފައިވާނީ 57 ބިލިއަން. މިހާރު ގެރެންޓީ ނުހިމަނާވެސް ސިނާރިއޯ ތިނެއްގައި އަޅުގަނޑުމެންނަށް މި ލަފާކުރެވެނީ 70.4 ބިލިއަން ރުފިޔާގައި ކަމަށް އަޅުގަނޑުމެންގެ ދަރަނި ހުންނާނީ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ކޮވިޑް 19ގެ ސަބަބުން އިގްތިސޯދަށް ވަމުންދާ ގެއްލުން ފިނޭންސް މިނިސްޓްރީން ވަނީ ފަސް ހާލަތަކަށް ބަހާލައިފައެވެ. އެގޮތުން އެންމެ ފަހު ސިނާރިއޯގައި ރާއްޖެއަށް މިއަހަރު އެއްވެސް ވަރަކަށް ފަތުރުވެރިއަކު ނާންނާނެއެވެ. ކޮމިއުނިޓީ ސްޕްރެޑާއެކު މިހާރު ރާއްޖެ މިއޮތީ ސިނާރިއޯ ތިނެއްގައެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ފައިނޭންސިން ގެޕު އިތުރުވެ އިތުރަށް ފައިނޭންސިން ހޯދަމުން އަންނައިރު އިގްތިސޯދީ ހަރަކާތްތައް މަޑުޖެހި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތްވެސް ދަށަށް ދާ ކަމަށެވެ. އެގޮތުން ދައުލަތުގެ ދަރަނި މިއަހަރު ނިމޭއިރު ހުންނާނެ ކަމަށް ލަފާކުރާ 70.4 ބިލިއަން ރުފިޔާއަކީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 86.6 އިންސައްތަ ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ވަމުންދާ ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ ހިލޭ އެހީއާއި ލޯނު އެހީ ހޯދުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.