ކުއްލި ޚަބަރު

މިއަހަރުގެ ބަޖެޓު 13.7 ބިލިއަނުން ދަރަނިވެރިވާނެ ކަމަށް އަންދާޒާކޮށްފި

ކޮވިޑް 19އާ ގުޅިގެން މިއަހަރުގެ ބަޖެޓު 13.7 ބިލިއަނުން ދަރަނިވެރިވާނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ސަބަބުން އިގްތިސާދަށާއި މާލިއްޔަތަށް ކުރާނެ ކަމަށް ލަފާކުރެވޭ އަސަރުތަކުގެ މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ކޮވިޑާ ގުޅިގެން އެކިއެކި ގޮތްގޮތުން ފައިސާ ހޯދަމުންދާއިރު ދައުލަތުގެ ދަރަނި ވެސް ބޮޑުވާނެ ކަމަށެވެ.

އެގޮތުން މިއަހަރަށް ފާސްކުރި ބަޖެޓުގައި ގެރެންޓީ ނުހިމަނައި ޖުމްލަ ދަރަނީގެ ގޮތުގައި 57 ބިލިއަން ރުފިޔާ ލަފާކޮށްފައިވީނަމަވެސް، މިހާރުގެ ހާލަތު އޮތް ސިނާރިއޯއަށް ބަލާއިރު ދަރަނި 70.4 ބިލިއަން ރުފިޔާއަށް އިތުރުވެދާނެ ކަމަށެވެ. އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 86.6 ޕަސެންޓް ކަމަށް ވެސް ވިދާޅުވިއެވެ.

"ފާހަކޮށްލަން ބޭނުންވާ އަޅުގަނޑުމެން ފައިނޭންސިން ގެޕް އިތުރުވެ، އިތުރަށް ދަރަނި ހޯދަމުންދާއިރު އިގްތިސާދީ ހަރަކާތްތައް މަޑުޖެހި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތްވެސް އެބަ ދަށަށްދޭ. އެހެންވީމަ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ހުންނާނެ މިންވަރު ވެސް އިތުރުވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ދިމާވެފައިވާ އިގްތިސާދީ ދަތިކަމުގެ ސަބަބުން ދައުލަތުން ހަރަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރަށް ފައިސާ ނެގުމަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރުން އަހަރު ދުވަހުގެ މުއްދަތަށް އިސްތިސްނާކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު ފޮނުއްވި ލިޔުމުގައި ބުނެފައިވަނީ، ދައުލަތަށް އާމްދަނީގެ ގޮތުގަ އާއި ފައިނޭންސިންގެ ގޮތުގައި ވަންނަ ފައިސާ އިންތިހާއަށް މަދުވެފައިވުމާއެކު، ކުރުމުއްދަތުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި އިތުރު ފައިސާ ހޯދޭނެ ގޮތްތައް ހޯދަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތަށް ބަލާއިރު ކުރިއަށް އޮތް ތިން މަހަށް ދައުލަތުގެ ހިދުމަތްތައް ދަމަހައްޓައި ސިއްހީ ހިދުމަތްތަކަށް ބޭނުންވާ ހޭދަތައްކޮށް، އިގްތިސާދީ ގޮތުން އާއިލާތަކަށް ބޭނުންވާ އަސާސީ ކަނަކްނ ފުއްދޭ މިންވަރު ކަށަވަރުކުރުމަށް އެންމެ މަދުވެގެން 4.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ބޭނުންވާ ކަމަށް އެ ލިޔުމުގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޭޝްފްލޯ މެނޭޖްކުރުމަށް ކުރަން ނިންމާފައިވާ ކަންތައްތައް ވެސް ފިނޭންސް މިނިސްޓަރު ވަނީ ހިއްސާކުރައްވައިފައެވެ.

އެގޮތުން ދައުލަތުގެ ހަރަދު ކުޑަކުރުމާއި ފިނޭންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީއާ ގުޅިގެން ބޭރުގެ ހިލޭ އެހީ އާއި ލޯނު ހޯދުމުގެ އިތުރުން ކުރީ އަހަރުތަކެކޭ އެއްގޮތަށް އެތެރޭގެ މާލީ ބާޒާރަށް ޓީބިލް ވިއްކުމަށާއި މަރުކަޒީ ބޭންކު މެދުވެރިކޮށް ފައިސާ ހޯދުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.