ކުއްލި ޚަބަރު

ޕީއެސްއައިޕީގެ ނުފަށައި ހުރި މަޝްރޫއުތައް މަޑުޖައްސާލަން ނިންމައި، ހަރަދުކުޑަކުރުމަށް އިތުރު ފިޔަވަޅުތަކެއް

ކޮވިޑް 19އާ ގުޅިގެން ޕީއެސްއައިޕީގެ ތެރެއިން ނުފަށައި ހުރި މަޝްރޫއުތައް މަޑުޖައްސާލަން ނިންމައި، ހަރަދުކުޑަކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ނިންމައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކޮވިޑާ ގުޅިގެން އާމްދަނީއަށް ކުރާނެ ކަމަށް ބެލެވޭ ނޭދެވޭ އަސަރުގެ ސަބަބުން، އިތުރު ފިޔަވަޅުތަކެއް އަޅާން ޖެހޭނެ ކަމަށެވެ.

އެގޮތުން މިއަހަރަށް ބަޖެޓް ކޮށްފައިވާ ޕީއެސްއައިޕީގެ ތެރެއިން ނުފަށާހުރި މަޝްރޫއުތައް ޓޭންޑާ ނުކޮށް މަޑުޖައްސާލުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ދޭން ކަނޑައަޅާފައިވާ ފައިސާ ދޫކުރާ މިންވަރު މަޑުޖައްސާލުމަށާއި ސަޕްލައި ޗެއިންގެ ދަތިތަކާ ގުޅިގެން މިހާރު ކުރިއަށްދާ މަޝްރޫއުތައް ވެސް މަޑުޖެހޭނެކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށްގޮސްފައިވާތީ، ސަރުކާރަށް ތެލުން އަގުހެޔޮވާ މިންވަރު ޕާސް ތުރޫކޮށް ކަރަންޓް އަދި ތެލުގެ ސަބްސިޑީ ދިނުމަށް ކުރާ ހަރަދު 40 ޕަސެންޓް ކުރުމަށާއި ދަތުރުފަތުރަށް ކުރާ ހަރަދުން 35 ޕަސެންޓް ކުޑަކުރުމަށާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ގަތުން ހުއްޓާލުމާއި މަރާމާތަށްކުރާ ހަރަދު 59 ޕަސެންޓް ކުޑަކުރުމަށާއި ހަރުމުދާ ހޯދަން ކުރާ ހަރަދު 70 ޕަސެންޓް ކުޑަކުރުމަށް ވެސް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.