ކޮވިޑާ ގުޅިގެން 1.6 ބިލިއަން ރުފިޔާގެ ހަރަދު ހިނގާނެ ކަމަށް ބެލެވޭ ކަމަށާއި އަދި އެއަދަދު ހާލަތު ގޯސްވެއްޖެނަމަ އިތުރުވެސް ވެދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑާ ގުޅިގެން ސިއްހީ އަދި ޑިޒާސްޓާ މެނޭޖްމަންޓަށް ކުރާ ހަރަދު އިތުރުވާނެ ކަމަށެވެ.
އެގޮތުން ކޮވިޑާ ގުޅިގެން ހިދުމަތް ދޭނެ ތަންތަން ތައްޔާރުކުރުމަށާއި ޓެސްޓު ކުރެވޭ އިންތިޒާމް ހަމަޖެއްސުމަށާއި ރައްކާޓެރިވުމަށް ބޭނުންވާނެ ތަކެތި ހޯދުމަށާއި އެކި ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި ކާބޯތަކެތި އަދި މުހިންމު ތަކެތީގެ ސަޕްލައި ޔަގީންކުރުމަށް އަދި އިގްތިސާދީ ލުއިކަމެއް ހޯދުމަށް މިހާރު ވެސް ދައުލަތުން ބޮޑެތި ހޭދަތަކެއް ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެވިއެވެ.
އަމީރު ވިދާޅުވީ، ޕަބްލިކް ހެލްތުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި ހެލްތު މިނިސްޓަރު އެދުނު މިންވަރާއި ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ކޮވިޑް 19އާ ގުޅުން ހުރި ހަރަދުތަކަށް 223 މިލިއަން ރުފިޔާ ބަޖެޓަށް އިތުރުކޮށްދީފައިވާނެ ކަމަށެވެ.
ނަމަވެސް ކޮމިއުނިޓީ ސްޕްރެޑް ފެނުމާއެކު ހަރަދު ވެސް ބޮޑުވެފައިވާ ކަމަށާއި އެގޮތުން މިހާރު 1.6 ބިލިއަން ރުފިޔާގެ ހަރަދު ހިނގާނެކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ހާލަތު ދިގުދެމިގެންދާ ގޮތަކުން އެ މިންވަރު އިތުރުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ސިއްހީ އަދި ޑިޒާސްޓާ މެނޭޖްމަންޓަށް ކުރާ ހަރަދުތަކުގެ ތަފްސީލު ވެސް ހިއްސާކޮށްފައެވެ.
އެގޮތުން އެންމެ ބޮޑެތި ހަރަދުތަކެއްކުރާ ކަންތައްތަކުގެ ތެރެއިން ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ހޯދުމަށް 660 މިލިއަން ރުފިޔާ އަދި މީހުން އައިސޮލޭޓްކުރުމަށާއި ކަރަންޓީންކުރުމާއި ފެސިލިޓީޒް ގާއިމްކޮށް ހިންގުމަށް 594 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބުނެފައިވެއެވެ.