ކުއްލި ޚަބަރު

ހާލަތު ދިގުލައިގެން ގޮސްފިނަމަ ރިސޯޓުތަކުގެ ކުލިވެސް ލިބޭނެ ކަމަކަށް ނުބެލެވޭ: އަމީރު

ހާލަތު ދިގުލައިގެން ގޮސްފިނަމަ ރިސޯޓުތަކުގެ ކުލިވެސް ލިބޭނެ ކަމަކަށް ނުބެލެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވަނީ ކޮވިޑްގެ އިގްތިސާދީ އަސަރާއި ގުޅުވައިގެން ދައުލަތު އާމްދަނީއަށް މިހާރު ކުރާ އަންދާޒާތަކުގެ ފަސް ސިނާރިއޯއެއް ހިއްސާ ކުރައްވައިފައެވެ.

ރާއްޖޭގެ ހާލަތަށް ބަލައި މިވަގުތު އެންމެ ކައިރިކުރާ ސިނާރިއޯއަކީ ތިންވަނަ ސިނާރިއޯކަން ފާހަގަކުރައްވާ މިނިސްޓަރު އަމީރު ވިދާޅުވީ، މިއަހަރު ދައުލަތަށް ހިލޭ އެހީގެ ގޮތުގައާއި އެހެނިހެން ގޮތުން ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ 15.2 ބިލިއަން ރުފިޔާއަށް ވެއްޓޭނެ ކަމަށެވެ.

އެގޮތުން އާމްދަނީއަށް މިހާރުކުރާ އަންދާޒާތަކުގެ ސިނާރިއޯތަކަށް ބަލާއިރު އެންމެ ބޮޑު ދަށްވުމެއް އަންނާނެ ކަމަށް ބެލެވެނީ ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެއީ ކޮވިޑާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް މިވަގުތު ހުއްޓުމަކަށް އައިސްފައި އޮތުމާއެކު ޓީޖީއެސްޓީ އާއި ގުރީން ޓެކްސް އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ބޮޑުތަނުން ދަށްވާނެ ކަމަށް ބެލެވޭތީ އާއި ފަތުރުވެރިކަމުގެ ސިނާއަތަށްކުރާ ނޭދެވޭ އަސަރު އިގްތިސާދުގެ އެހެނިހެން ދާއިރާތަކަށް ވެސް ކުރާނެ ކަމަށް ބެލެވޭތީ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީއަށް ބަލާއިރު ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާ ނޭދެވޭ އަސަރު ދިގުލައިގެންދާނަމަ، ރިސޯޓްތަކުގެ ބިމު ކުލި ދެއްކުމަށް ދަތިވެ، ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ އާމްދަނީގެ ބައެއް ނުލިބޭނެ ކަމަށް ވެސް ބެލެވޭ ކަމަށެވެ.

ކޮވިޑާ ގުޅިގެން ހާލަތު އިތުރަށް ގޯސްވެ ސިނާރިއޯ ހަތަރަކަށް ގޮސްފިނަމަ ދައުލަތަށް މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 13.3 ބިލިއަން ރުފިޔާއެވެ. އަދި ހާލަތު ގޯސްވެ، ސިނާރިއޯ ފަހަކަށް ގޮސްފިނަމަ ދައުލަތުގެ އާމްދަނީ 11.6 ބިލިއަން ރުފިޔާއަށް ވެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކުރެއެވެ.