ކުއްލި ޚަބަރު

ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް ލަފާ ކުރެވޭ ޖުމްލަ އާމްދަނީ 15 ބިލިއަނަށް ވެއްޓިއްޖެ

ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް ލަފާ ކުރެވޭ ޖުމްލަ އާމްދަނީ 15 ބިލިއަނަށް ވެއްޓޭނެކަމަށް ދައުލަތުން ލަފާކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވަނީ ކޮވިޑްގެ އިގްތިސާދީ އަސަރާއި ގުޅުވައިގެން ދައުލަތު އާމްދަނީއަށް މިހާރު ކުރާ އަންދާޒާތަކުގެ ފަސް ސިނާރިއޯއެއް ހުށަހަޅައިދެއްވައިފައެވެ.

އެގޮތުން ރާއްޖޭގެ ހާލަތަށް ބަލައި މިވަގުތު އެންމެ ކައިރިކުރާ ސިނާރިއޯގައި ވެސް ދައުލަތަށް ހިލޭ އެހީގެ ގޮތުގައާއި އެހެނިހެން ގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 15.2 ބިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 8.9 ބިލިއަން ރުފިޔާގެ ވެއްޓުމެކެވެ.

ހާލަތު އިތުރަށް ގޯސްވެ ސިނާރިއޯ ހަތަރަކަށް ގޮސްފިނަމަ ދައުލަތަށް މިއަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ 13.3 ބިލިއަން ރފުިޔާއަށް ވެއްޓޭނެ ކަމަށާއި އަދި ހާލަތު ގޯސްވެ، ސިނާރިއޯ ފަހަކަށް ގޮސްފިނަމަ ދައުލަތުގެ އާމްދަނީ 11.6 ބިލިއަން ރުފިޔާއަށް ވެއްޓޭނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އާމްދަނީއަށް މިހާރުކުރާ އަންދާޒާތަކުގެ ސިނާރިއޯތަކަށް ބަލާޢިރު އެންމެ ބޮޑު ދަށްވުމެއް އަންނާނެ ކަމަށް ބެލެވެނީ ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއަށް ކަމަށެވެ.

އެއީ ކޮވިޑާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތް މިވަގުތު ހުއްޓުމަކަށް އައިސްފައި އޮތުމާއެކު ޓީޖީއެސްޓީ އާއި ގުރީން ޓެކްސް އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ބޮޑުތަނުން ދަށްވާނެ ކަމަށް ބެލެވޭތީއެވެ.

އޭގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަކީ ދަތުރުފަތުރާއި އާންމު ވިޔަފާރި ފަދަ އެހެން ގިނަ ދާއިރާތަކަށް ބަރޯސާވާ ދާއިރާއެއްކަމުން، ފަތުރުވެރިކަމުގެ ސިނާއަތަށްކުރާ ނޭދެވޭ އަސަރު އިގްތިސާދުގެ އެހެނިހެން ދާއިރާތަކަށް ވެސް ކުރާނެ ކަމަށާއި އަދި ރާއްޖޭގެ ގިނަ ރަށްތަށް ލޮކްޑައުން ކުރެވިފައިވާތީ ޖުމްލަ ގޮތެއްގައި ހުރިހާ އިގްތިސާދީ ހަރަކާތްތަކެއް ވެސް މަޑުޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ، ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީއަށް ބަލާއިރު ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާ ނޭދެވޭ އަސަރު ދިގުލައިގެންދާނަމަ، ރިސޯޓްތަކުގެ ބިމު ކުލި ދެއްކުމަށް ދަތިވެ، ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ އާމްދަނީގެ ބައެއް ނުލިބޭނެ ކަމަށް ވެސް ބެލެވޭ ކަމަށެވެ.