ކުއްލި ޚަބަރު

އެންމެ ގޯސް ހާލަތަށް ގޮސްފި ނަމަ މި އަހަރު ރާއްޖެއަށް އެންމެ ފަތުރުވެރިޔަކުވެސް ދެން ނާންނާނެ: އަމީރު

އެންމެ ގޯސް ހާލަތަށް ގޮސްފިނަމަ މި އަހަރު ރާއްޖެއަށް އެންމެ ފަތުރުވެރިޔަކުވެސް ދެން ނާންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މާލީ ހާލަތާބެހޭގޮތުން މިއަދު ދަރުބާރުގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19 ގެ ރޯގާ ރާއްޖެއަށް ފެތުރަމުންދާއިރު ހާލަތު އެންމެ ގޯސްވެއްޖެނަމަ އެންމެ ފަތުރުވެރިޔަކުވެސް ރާއްޖެއަށް ނާންނާނެ ކަަމަށެެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ފަސް ހާލަތެއް ކުރިމަތިވެދާނެ ކަމަށް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

އޭގެ ތެރެއިން އެންމެ ފަތުވެރިޔަކުވެސް ރާއްޖެއަށް ނާންނާނެ ކަމަށް ފާހަގަ ކޮށްފައިވަނީ ފަސްވަނަ ހާލަތުގައެވެ.

މިނިސްޓަރު ވިދާޅުވީ އެހާލަތުގައި މިއަހަރުގެ ބާކީ އޮތް މުއްދަތަށް އޮން އަރައިވަލް ވިސާ ދޫނުކުރާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދު ބަރޯސާވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށްވާއިރު، ފަތުރުވެރިކަމުގެ ދާއިރާ މިިހާރުވެސް ހުއްޓިފައިވާތީ ރާއްޖޭގެ އިގްތިސޯދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. ހަމަ އެއާއެކު ވަޒީފާ ނެތް މީހުންގެ އަދަދުވެސް ބޮޑުތަނުން އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.