މި އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރީންގެ އަދަދު 50 ޕަސެންޓް ދަށަށް ދާނެ ކަމަށް ސަރުކާރުން ލަފާކޮށްފިއެވެ.
ދައުލަތުގެ މާލީ ހާލަތާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓާ އޮފް ފިނޭންސް އެންޑް ޓްރެޝަރީ އިބްރާހިިމް އަމީރު މިއަދު ވިދާޅުވީ، ކޮވިށް 19ގެ ކުރިން މިއަހަރުގެ ބަޖެޓް ތައްޔާރުކުރިއިރު، އަންދާޒާ ކުރެވިފައިވަނީ ފަތުރުވެރިކަން އަށެއް އިންސައްތަ ކުރިއަރާނެ ކަމަށެވެ.
ނަމަވެސް ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ގައުމުތަކުން ދަތުރުކުރުން ހުއްޓާލުމާ ގުޅިގެންނާއި ރާއްޖެއަށް ދިމާވެފައިވާ ހާލަތާ ގުޅިގެން މިއަހަރު ރާއްޖެއަށް ފަތުރުވެރިން އައުން ބޮޑުތަނުން މަދުވާނެ ކަމަށާއި، އިތުރަށް ކޮވިޑް 19 ގެ ކަންތައް ބޮޑުވެއްޖެނަަމަ އަހަރުގެ ކުރިއަށް އޮތްތަނުގައި ރާއްޖެއަށް އެއްވެސް ފަތުރުވެރިޔަކު ނައިސްފާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިހާލަތަށް ބަލައި ފިނޭންސް މިނިސްޓްރީންވަނީ ރާއްޖޭގެ މާލީ ހާލަތު ދެނެގަންނާނެ ހިސާބުތަކެއް ހާމަކޮށްފައެވެ. އެ ހިސާބުތަކުގައި ފަސް ހާލަތެއް ހިމެނޭ އިރު، މިހާރު މި އޮތީ ތިންވަނަ ހާލަތު ކަމަށް ފިނޭންސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ހިސާބުތަކުން ދައްކާގޮތުގައި މިއަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވެނީ، 845،546 ފަތުރުވެރިންނެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 382،678 ފަތުރުވެރިން އައިސްފައިވާ ކަމަށެވެ. ހުސްވި 2019 ވަނަ އަހަރު ރާއްޖެއަށް އައިސްފައިވަނީ 7.1 މިލިޔަން ފަތުރުވެރިންނެވެ.
ކޮވިޑް 19ގެ މި ހާލަތުގައި ބެޑްނައިޓްސް 39 އިންސައްތައަށް ދަށްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ މައްސަލަތަކާގުޅިގެން ސަރުކާރަށް އިތުރު ފައިސާ އެމްއެމްއޭއިން ނެގުމުގެ ހުއްދައަކަށް އެދިވަޑައިގެން ފިނޭންސް މިނިސްޓަރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.