ރާއްޖެއަކީ ކޮވިޑާއި ގުޅިގެން ނިސްބަތުން އެންމެ ބޮޑު މާލީ ލޮޅުމެއް އަރާނެ ގައުމު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ރާއްޖޭގެ މާލީ ހާލަތާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މިއަދު ވިދާޅުވީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކޮވިޑް 19 ގެ ބަލިމަޑުކަން ދުނިޔޭގައި ހަލުވިކޮށް ފެތުރެމުން ދިއުމާއެކު ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ބަލިފެތުރެމުންދާ ގައުމުތަކުން ދަތުރުކުރުން މަނާ ކުރުމާއެކު ފަސިންޖަރުންގެ ދަތުރުފަތުރު މުޅިންހެން ހުއްޓީފައިވާ ކަމަށެވެ.
އެކަމުގެ އަސަރު މުޅި ދުނިޔޭގެ އިގުތިސޯދަށް ވަނީ ކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ، ފަތުރުވެރިކަމަށް ބިނާވެފައިވާ ގައުމަކަށް ވުމާއެކު ރާއްޖެއަކީ މިކާރިސާގެ ސަބަބުން
ނިސްބަތުން، އިގްތިސޯދަށް އެންމެ ބޮޑު ލޮޅުމެއް އަރާފައިވާ އެއް ގައުމުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ޓޫރިޒަމް ހީނަރުވެފައިވާތީ، ރާއްޖޭގެ އިގްތިސޯދު މިހާރު އޮތީ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށެވެ.
ރާއްޖެއަށް މި އަހަރު 29 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު ނަމަވެސް މިހާރު ލިބޭނެ ކަމަށް އަންދާޒާ ކުރަނީ 15 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ސަބަބުން އެންމެ ބޮޑު އާމްދަނީއެއް ގެއްލިގެން ދާނެ ކަމަށް ބެލެވެނީ ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) އިން ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުން ތަކެއް ލިބިގެންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ މިއޮތީ އިގުތިސޯދީ ކާރިސާއެއްގެ ތެރޭގައި ކަމަށެވެ.
އެހެންކަމުން ހުރިހާ ކަމެއްގައި ވެސް ހަރަދުކުޑަކުރުމަށް އިސްކަން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.