ކޮވިޑް 19ގެ ވެކްސިންގެ އިންސާނުން ބޭނުންކޮށްގެން ހަދާ ޓެސްޓުތައް ފަށައި، ދެ މީހެއްގެ ގަޔަށް ވެކްސިން ޖަހައިފިއެވެ.
އޮކްސްފޯޑު ޔުނިވާސިޓީން އުފެއްދި ވެކްސިނުގެ ފުރަތަމަ ޑޯޒް ތައްޔާރުކޮށް ނިމުނީ އިއްޔެއެވެ. އެ ވެކްސިން ފުރަތަމަ ޖަހާފައިވަނީ ދެ ސައިންސްވެރިއެއްގެ ގަޔަށެވެ. މާދަމާ އިތުރު ހަ މީހެއްގެ ގަޔަށް ވެކްސިން ޖަހާނެއެވެ.
އިނގިރޭސި ސަރުކާރުން ބޮޑު ހަރަދެއްކޮށްގެން ތައްޔާރުކުރި އެ ވެކްސިން ޓެސްޓުކުރުމަށް 800 މީހުން ވޮލަންޓިއާކޮށްފައި ވެއެވެ. އޭގެ ތެރެއިން އެއް ބައެއްގެ ގަޔަށް ކޮވިޑް 19ގެ ވެކްސިން ޖަހާ އިރު، އަނެއް ބައެއްގެ ގަޔަށް ޖަހާނީ މެނިންގިޓިސް އިން ރައްކާތެރިކޮށްދޭ ވެކްސިނެވެ. މެނިންގިޓިސްއަކީ ސިކުނޑިއާއި ސްޕައިނަލް ކޯޑު ވަށައިގެން ލެވިފައިވާ ބޯ ދުލިފަށް ފާރުވާ ބައްޔެކެވެ.
ކޮވިޑް 19 ވެކްސިންގެ ޓްރަޔަލް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އެމީހެއްގެ ގަޔަށް ޖަހާ ވެކްސިނަކީ ކޮބައިކަމެއް އެމީހަކަށް ނޭނގޭ ގޮތަށެވެ. ނަމަވެސް އެމީހެއްގެ ގަޔަށް ޖަހަނީ ކޮވިޑް 19 ވެކްސިންކަން ނުވަތަ މެނިންގިޓިސް ވެކްސިންކަން ޑޮކްޓަރުންނަށް އެނގޭނެއެވެ.
އެ ވެކްސިން ޖެހި ދެ ސައިންސްވެރިންގެ ތެރެއިން އެލިސާ ގްރެނޭޓޯ "ބީބީސީ"އަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވީ އޭނާއަކީ ސައިންވެރިޔަކަށްވުމުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވީ ކަމަށެވެ.
ކޮވިޑް 19ގެ އެ ވެކްސިން ތައްޔާރުކުރުމަށް އޮކްސްފޯޑު ޔުނިވާސިޓީގެ ސައިންސްވެރިންގެ ޓީމަށް ތިން މަސްދުވަސް ހޭދަވިއެވެ. އެ ވެކްސިން ތައްޔާރުކުރުމަށް އިސްކޮށް ހަރަކާތްތެރިވީ އެޑްވާޑް ޖެނާ އިންސްޓިޓިއުޓް ފޯ ވެކްސިން ރިސާޗުގެ ޕްރޮފެސަރު އޮފް ވެކްސިނޮލޮޖީ ސާރާ ގިލްބާޓެވެ.
ވެކްސިންގެ ޓެސްޓުތައް ފެށުމަށްފަހު ސާރާ ވިދާޅުވީ މި ވެކްސިނާ މެދު ބޮޑު އުންމީދެއް ކުރާ ކަމަށާއި އިންސާނުންގެ ގަޔަށް އެ ވެކްސިން ޖަހައި އޭގެ ނަތީޖާތައް ހޯދަން ޖެހޭ ކަމަށެވެ. އަދި ގިނަ ބައެއްގެ ގަޔަށް އެ ވެކްސިން ޖެހުމުގެ ކުރިން އެއީ ކޮވިޑަށް ޝިފާއަކަށް ވާނެ ވެކްސިނެއްކަން ކަށަވަރުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ވެކްސިނަކީ ކޮވިޑް 19އަށް ޝިފާއަކަށް ވާނެ ކަމުގެ 80 އިންސައްތަ ޔަގީންކަން އޮތް ކަމަށް މީގެ ކުރިން ސާރާ ވަނީ ވިދާޅުވެފައެވެ.
ސައިންސްވެރިން ކުރިން ބުނަމުން އައީ އެކި މަރުހަލާތަކަށް ފަހު ކޮރޯނާވައިރަހުގެ ވެކްސިނެއް ލިބޭވަރު ވާނީ 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތެއްގައި ކަމަށެވެ.