ރާއްޖެއިން އިތުރު ދެ ދިވެއްސަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިތުރު ދެ ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ދެމީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެ ދެމީހުންގެ ތެރެއިން އެކަކަށް ދީފައިވަނީ ކޭސް ނަންބަރު 26 އެވެ. އެއީ ކުރިން ޕްރޮބަބަލް ކޭސްއަކަށް ދިން ނަންބަރެއް ނަމަވެސް، އެޗްޕީއޭ އިން ވަނީ ޕޮޒިޓިވް މީހުންގެ ލިސްޓުން ޕްރޮބަބަލް ކޭސްތައް އުނިކުރަން ނިންމައި އެ ކޭސް ނަންބަރު ފަހުން ޕޮޒިޓިވްވާ މީހަކަށް ދޭން ނިންމައިފައެވެ.
އެ ދެ މީހުންނާއެކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 16 އަށް އަރައިފައެވެ. އެ ދެމީހުންގެ ކުރިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ އެއް ތަނެއްގައި ދިރިއުޅޭ 14 ބިދޭސީންނެވެ.
އެ މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައިވީ މީހުންގެ އަދަދު ވަނީ 110އަށް އަރައިފައެވެ. އޭގެ ތެރެއިން 16 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ފުރި ފަހުންނެވެ.