ކުއްލި ޚަބަރު

އަތޮޅު ތެރެއިން މާލެއަށް ކެއާ ޕެކޭޖު ފޮނުވޭނެ، ނަމަވެސް މި ދަނޑިވަޅުގައި ގިނަ ތަކެތި ނުފޮނުއްވާ!: އޭސީޕީ ނަވީން

އަތޮޅު ތެރެއިން މާލެއަށް ކެއާ ޕެކޭޖު ފޮނުވޭނެ ކަމަށާއި ނަމަވެސް މި ދަނޑިވަޅުގައި ގިނަ ތަކެތި ނުފޮނުވުމަށް އިލްތިމާސްކުރާ ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ، ނޯތު ހާބަރުގައި އިކޮނޮމިކް މިނިސްޓްރީ އާއި އެމްޕީއެލް ގުޅިގެން ގާއިމްކޮށްފައިވާ އައިސީޕީ މެދުވެރިކޮށް މާލެއިން ރަށްތަކަށް ކާބޯތަކެއްޗާއި އެނޫން ވެސް މުދާ ފޮނުވޭނެ ކަމަށާއި އަދި ރަށްރަށުން މާލެއަށް ފޮނުވާ ތަކެތި ވެސް އައިސީޕީއާ ހަމައަށް ގެނެވޭނެ ކަމަށެވެ.

ނަމަވެސް މިދުވަސްވަރު އެންމެ ރަނގަޅު ގޮތަކީ އަތޮޅުތެރެއިން ކޮންމެހެން މާލެއަށް ފޮނުވަންޖެހޭ ތަކެތި ނޫނީ ނުފޮނުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށްރަށުން ފޮނުވާ އެއްޗެހި ނޯތު ހާބަރުގައި ހަދާފައި ހުންނަ އައިސީޕީއާ ހަމައަށް ގެނެވޭނެ. އެކަމަކު ވެސް އަޅުގަނޑުމެން ރެކޮމެންޑް ކުރާ ކަމެއް ނޫން މިދަނޑުވަޅުގައި އެހާ ބައިވަރު އެއްޗެހި މާލެއަށް ފޮނުވުން. ސަބަބަކީ އެހުރިހާ އެއްޗެއް ބަލައި މާލޭގެ އެކި ތަންތަނުން ދިއުމަކީ އެހާ ފަސޭހަ ކަމެއް ނޫން،" ނަވީން ވިދާޅުވިއެވެ.

މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކުރުމާއެކު މާލެއިން އަތޮޅުތެރެއަށް މުދާ ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ހާއްސަ އުސޫލުތަކެއް ކަނޑައަޅައިފައެވެ. އެ އުސޫލުގައިވާ ބުނާ ގޮތުން މުދާ އުފުލާ ބޯޓެއް މާލެ އަޔަސް، އެބޯޓުގެ އެއްވެސް ފަޅުވެރިއަކަށް މުދާ ހޯދުމަށް މާލެއަށް ފޭބުމަކީ މަނާ ކަމެކެވެ. އަދި އެބޯޓުގެ ފަޅުވެރިން ނޫން އެހެން އެއްވެސް މީހަކަށް ބޯޓުން ދަތުރު ނުކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.