ކުއްލި ޚަބަރު

ލޮކްޑައުންގެ ސަބަބުން ކޮވިޑު ބަލި ކޮންޓްރޯލުވާ މިންވަރު އެނގޭނީ ދެހަފުތާއެއްހާ ދުވަސް ފަހުން: ޑރ. ނަޒްލާ

ލޮކްޑައުންގެ ސަބަބުން ކޮވިޑު ބަލި ކޮންޓްރޯލުވާ މިންވަރު އެނގޭނީ ދެހަފުތާއެއްހާ ދުވަސް ފަހުން ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ލޮކްޑައިންގެ މުއްދަތުގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން އަމަލުނުކޮށްފިނަމަ ނަތީޖާ ހިތިވާނެ ކަމަށާއި އޭރުން ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރުވާނެ ކަމަށެވެ. އަދި ލޮކްޑައުންގެ ސަބަބުން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ މިންވަރު އެނގޭނީ ދެ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ކޮންމެ ދުވަހަކު ފެންނަ ކޭސްތައް ދެގުނަވާން ފަށައިފިނަމަ ކުރު މުއްދަތެއްގެ ތެރޭގައި އެތައް ބަޔަކަށް ބަލި ޖެހިދާނެ ކަމުގެ އިންޒާރު ޑޮކްޓަރު ދެއްވިއެވެ.

"މިވަގުތު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ މީގެ އެއް ހަފްތާ ނޫނީ ދެ ހަފްތާ ކުރީގައި ބަލި ޖެހިފައިވާ މީހުން. ލޮކްޑައުންގެ ސަބަބުން މީހުންނަށް ބަލި ޖެހުން މަދުވިކަން ނުވަތަ މީގެ (ލޮކްޑައުންގެ) އިފެކްޓް އަޅުގަނޑުމެންނަށް ފެންނަން އަދި ދެ ހަފްތާއެއްހާ ދުވަސް ނަގާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވީ ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ކޮވިޑާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތައް ކަމަށެވެ. އެހެންކަމުން މިހާރު ކޮވިޑާއި ދެކޮޅަށް އެޅޭނެ އިތުރު ފިޔަވަޅެއް ނުވަތަ "މެޖިކް ބުލެޓެއް" ނެތް ކަމަށާއި މިވަގުތު މުހިންމީ އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކޮށް ގައިދުރުކުރުމާއި އާންމު ސާފުތާހިރުކަންފަދަ ކަންކަމަށް ހާއްސަ އިސްކަމެއް ދިނުން ކަމަށް ވިދާޅުވިއެވެ.