ކުއްލި ޚަބަރު

ފްރޮންޓްލައިންގައި އުޅޭމީހުން ވަކީންބޮޑަށް ސަމާލުވޭ! އެމީހުން ބަލިވެއްޖެ ނަމަ ހާލަތު ވަރަށް ގޯސްވެދާނެ: ޑރ. ނަޒްލާ

އަލީ ޔާމިން

ފްރޮންޓްލައިންގައި އުޅޭމީހުން ވަކީންބޮޑަށް ސަމާލުވާން ޖެހޭ ކަމަށާއި އެމީހުން ބަލިވެއްޖެ ނަމަ ހާލަތު ވަރަށް ގޯސްވެދާނެ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ލޮކްޑައުންގެ ތެރޭގައި ހެދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި އެންމެ ހިތާމަވެރިކަމަކީ ބަލި ޖެހުމަށް ފަހުވެސް މަސައްކަތްތަކަށް މީހުން ނުކުމެފައިވުން ކަމަށެވެ. އަދި ބަލީގެ އަލާމާތެއް ކިރިޔާވެސް ފެނިއްޖެނަމަ ފަރުވާ ހޯދުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މިދުވަސްވަރު ފްރޮންޓްލައިންގައި ހަރަކާތްތެރިވާ މީހުންނަށް ބަލި ޖެހިއްޖެނަމަ ހާލަތު ވަރަށް ގޯސްވާނެ ކަމަށެވެ.

"ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަވީ ބަލި ޖެހިފައި ހުއްޓަވެސް މަސައްކަތަށް ނުކުމެފައިވާކަން. އެސެންޝިއަލް މަސައްކަތް ކުރާ ބޭފުޅުން އެކަނި މިވަގުތު ތިބެންވާނީ. އެބޭފުޅުން އަދި ހާއްސަކޮށް މިވަގުތު ނުވާނެ އަލާމާތެއް ހުރިއްޔާ މަސައްކަތަށް ނުކުމެގެން. މިވަގުތު ގައުމު ކިރިޔާ ހިންގަން ބޭނުންވާ އަސާސީ ކަންތައްތައް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. މިކަމުގެ ތެރޭގައި އުޅޭ ގިނަ މީހުން ބަލި ވެއްޖެއްޔާ ވަރަށް ބޮޑު ދަތިކަމަކަށް ވެގެންދާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑް 19އިން ރައްކާތެރިވުމަށް މިހާރު އެޅުމަށް އަންގާފައިވާ ފިޔަވަޅުތަކުގެ އިތުރުން އިތުރު ފިޔަވަޅެއް ނެތް ކަމަށެވެ. އެހެންކަމުން އެންމެ ހާއްސަ އިސްކަމެއް ދޭންވީ ސއިްހީ މާހިރުން ދެމުން އަންނަ އިރުޝާދުތަކަށް ބޯލަނބައި ކިޔަމަންވުމާއި އަތްދޮވުން ފަދަ ކަންކަން ގިނައިން ކުރުން ކަމަށެވެ.

ލޮކްޑައުންގެ މުއްދަތުގައި އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން އަމަލުކޮށްފިނަމަ ބަލި ޖެހޭ މީހުންގެ އަދަދު މަދުކުރެވިދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.