ކުއްލި ޚަބަރު

މިހާރު މިފެންނަ ގިނަ މީހުންނަކީ ކުރީން ފެނުނު މީހުންނާ ގުޅުންހުރި މީހުން: ޑރ. ނަޒްލާ

ކޮވިޑް 19އަށް މިހާރު ޕޮޒިޓިވްވާ ގިނަ މީހުންނަކީ ކުރީން ފެނުނު މީހުންނާ ގުޅުންހުރި މީހުން ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އެންއީއޯސީ އުފައްދައިގެން ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި ކުރި އެންމެ މުހިންމު ކަމަކީ ކޮންޓެކްޓް ޓްރޭސިންގައި މަސައްކަތްކުރާ ޓީމު ބޮޑުކުރުން ކަމަށެވެ.

އެގޮތުން މަސައްކަތް ކުރަމުން އައީ ކޮމިއުނިޓީ ސްޕްރެޑެއް އަތުވެއްޖެ ހާލަތެއްގައި ކޮންޓެކްޓް ޓްރޭސިން އިތުރުކުރަން ޖެހޭނެކަން ހަނދާނުގައި ބަހަށްޓައިގެން ކަމަށާއި އެކަމަށް ހާއްސަ އުސޫލެއް ވެސް އެކުލަވާލި ކަމަށެވެ. އަދި ގިނަ ވޮލެންޓިއަރުންނާއެކު މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަނީ ވެސް އެ ޕްލޭންގެ ދަށުން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ކޮންޓެކްޓް ޓްރޭސިން ހަދަންޖެހޭ މީހުންގެ އަދަދު މަދުވެފައިވާކަން ފާހަގަކުރައްވާ ޑޮކްޓަރު ވިދާޅުވީ މިވަގުތު ފެންނަ ގިނަ ކޭސްތަކަކީ މީގެ ކުރިން ޕޮޒިޓިވްވި މީހުންނާ ގުޅުން ހުރި މީހުން ކަމަށެވެ. ނަމަވެސް ވަރަށް ގިނަ މީހުންނާ ދިމާވާ އަދި އެމީހުންނާ ދިމާވީ ކޮންބަޔަކާކަން ނޭނގޭ ކަހަލަ ހާލަތެއްގައި ކޮންޓެކްޓް ޓްރޭސް ކުރަން އުނދަގޫވާނެކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

"ގިނަ ކޭސްތަކަކީ މިވަގުތު ވެސް އެއް ކްލަސްޓާއަކުން ނުވަތަ ނުވަތަ ކުރިން އަޅުގަނޑުމެންނަށް ފެންނަ ކްލަސްޓާއަކުން ފެންނަ މީހުން ކަމަށް ވަންޏާ އިތުރަށް ކޮންޓެކްޓް ޓްރޭސިން ހަދަންޖެހޭ މީހުންގެ އަދަދު މަދުވާނެ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 ޖެހިފައިވާ 108 މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރޭގައި މާލެއިން ބަލި ޖެހުނު 92 މީހުން ހިމެނެއެވެ.