ކުއްލި ޚަބަރު

މާލޭގައި ތާށިވެފައި ތިބި މުދާ ބޯޓުފަހަރުގެ ފަޅުވެރިން ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ފުރުމުގެ ހުއްދަ ދެނީ

4

މާލެ ސަރަހައްދަށް އިއުލާންކުރި ލޮކްޑައުންގެ ހާލަތުގެ ސަބަބުން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މުދާ އުފުލާ ބޯޓުފަހަރުގެ ފަޅުވެރިން، އެމީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ފުރުމުގެ ހާއްސަ ހުއްދައެއް ދޭން ނިންމައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، މާލެއިން އަތޮޅުތެރެއަށް މުދާ ގެންދިއުމަށް ފަޅުވެރިންނާއެކު ބޯޓުފަހަރަށް މާލެއަށް އައުމުގެ ހުއްދަ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ދީފައިވާ ކަމަށެވެ.

ނަމަވެސް ލޮކްޑައުންގެ ސަބަބުން މާލެ އައިސް ރަށަށް ނުފުރިފައި ތިބި ބޯޓުފަހަރުތަކުގެ ފަޅުވެރިންގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު އަނބުރާ ރަށަށް ދެވޭނެ އިންތިޒާމު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހަމަޖައްސައިދެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"މާލޭގައި އެބަ ތިބި މިހާރު މި ޕެސެންޖާ އޮޑިފަހަރުގައި ނުވަތަ ކާގޯ ހިފައިގެން ރަށަށްދާ އޮޑިފަހަރުގައި ތިބި ފަރާތްތައް. އެބޯޓުތަކުގައި އައި ފަރާތްތައް ރަށަށް ދިއުމަށްޓަކައި ކޮންމެ ބޯޓެއް ވަކިވަކިން ބެލުމަށްފަހު އަދި އެޗްޕީއޭއިން ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު އެއީ އެރަށެއްގެ މީހުން އެރަށްދާ ކަމަށް ވަންޏާ އެ ކްލިއާކުރުމަށްފަހު ހުއްދަތައް ދެމުން މިދަނީ،" ނަވީން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަތޮޅުތެރެއިން މާލެ އައިސްފައިވާ ބޯޓުފަހަރުތަކަށް ވީހާވެސް އަވަހަށް މުދާ ބަރުކޮށް، އެބޯޓުފަހަރަށް ފުރޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟