ކޮވިޑް 19 ކޭސް ނަންބަރު 26 ޕޮޒިޓިވް މީހުންގެ ލިސްޓުން އުނިކުރަން ނިންމައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ ކަންޓްރީ އޮފީހާ މަޝްވަރާކުރުމަށްފަހު ކޭސް ނަންބަރު 26، ލިސްޓުން އުނިކުރަން ނިންމާފައިވާ ކަމަށެވެ.
"ކުރިން ވެސް އަޅުގަނޑުމެން ދަންނަވާފައިވާނެ ދެ ޕްރޮބަބަލް ކޭސް ކްލެސިފައި ކުރާ ވާހަކަ. ޑަބްލިޔުއެޗްއޯގެ ކަންޓްރީ އޮފީހާ ވެސް މިކަމުގައި މަޝްވަރާކޮށްފައި، މިހާރު އަޅުގަނޑުމެންގެ ކޮންފާމް ކޭސް ކައުންޓްގެ ތެރޭގައި މީގެ އެއް ކޭސް ހިމެނޭތީ ކޭސް ނަންބަރު 26، އެ ކޭސް އަޅުގަނޑުމެން ކޮންފާމް ކޭސް ތެރެއިން އުނިކޮށްލާނަން،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވް މީހުންގެ ލިސްޓުން ޕްރޮބަބަލް ކޭސްއެއްގެ ގޮތުގައި ހިމެނޭ ކޭސް 26 އުނިކުރި ނަމަވެސް ދެން އަންނަ ކޭސްއަކަށް އެ ނަންބަރު ދޭނެ ކަމަށެވެ. އަދި މީގެ ފަހުން ޕްރޮބަބަލް ކޭސްތައް ލިސްޓުގައި ވަކިން ފާހަގަކުރާނެ ކަމަށާއި ނަމަވެސް ޖުމްލަ ކޭސްތަކުގެ ތެރޭގައި އެ ދެ ކޭސް ވެސް ހިމެނިގެންދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ރާއްޖެއިން ޕޮޒިޓިވްވި މީހުން އަދަދު މިހާރު ވަނީ 108އަށް އަރައިފައެވެ. މިއަދު 23 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި އެއް ތަނެއްގައި ދިރިއުޅޭ ބަންގުލަދޭޝްގެ 14 މީހަކު ހިމެނެއެވެ.