ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ވެސް އޯގާތެރިކަމާއެކު މުއާމަލާތްކުރުމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން އިލްތިމާސްކުރައްވައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ، އެކިއެކި މަސައްކަތް ކުރުމަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އޯގާތެރިކަމާއެކު އަޅާލުން އިސްކުރުމަށް ހުރިހާ ރައްޔިތުންގެ ފަރާތުން އެދޭ ކަމަށެވެ.
"އެދެން ވަރަށް ބޮޑަށް ބިދޭސީންނަށް، ހާއްސަކޮށް ރާއްޖޭގެ އެކިއެކި މަސައްކަތް ކުރުމަށްޓަކައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ބިދޭސީންނަށް އޯގާތެރިކަމާއެކު އިހްތިރާމާއެކު އެބޭފުޅުންނަށް ވެސް އަޅާލުމުގެ ކަންތައްތައް އިސްކުރަން ހުރިހާ ރައްޔިތުންގެ ފަރާތުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" ނަވީން ވިދާޅުވިއެވެ.
ނަވީން މިގޮތަށް އިލްތިމާސް ކުރެއްވިއިރު ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި އުޅޭ ބިދޭސިންނަށް މުދާ ވިއްކުމަށް ބައެއް ފަރާތްތަކުން ދެކޮޅުހަދާކަމުގެ ޝަކުވާތައް ދަނީ ފެންމަތިވަމުންނެވެ. އަދި ވިޔަފާރި ހިދުމަތްދިނުމުގައި ދިވެހިންނާއި ބިދޭސިން ތަފާތުކުރާކަމުގެ ޝަކުވާ ވެސް ކުރެއެވެ.