ބޭރުގައި އުޅުމަށް ދޫކުރާ ފާހުގެ ނާޖާއިޒު ބޭނުންކުރާ ކަމަށާއި އެފަރާތްތަކުގެ ފާސް ކެންސަލްކުރާނެ ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނި، ބަލި ފެތުރެމުންދާ ކަމަށް ކަނޑައަޅައި ސަރުކާރުން ވަނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ.
އެއާއެކު ވިިޔަފާރި ކުރުމުގައި މީގެ ކުރިން އަމަލު ކުރަމުންދިޔަ އުސޫލަށް ބަދަލު އައިސް ޑެލިވަރީ އަށް ވަނީ ބަރޯސާވާންޖެހިފައެވެ. އެގޮތުން ކޯބާތަކެއްޗާއި ފިހާރަކަތަކުން މުދާ ޑެލިވަރީ ކުރުމަށް ފުލުހުން ދަނީ ހާއްސަ ހުއްދަތަކެއް ދޫކުރަމުންނެވެ.
ނަމަވެސް ޑެލިވަރީކުރާ މުދާ ލިބުން ލަސްވެ، އާންމުންގެ ޝަކުވާ ބޮޑުވުމުން ފުލުހުން ފަހުން ވަނީ ޒަރޫރީ ހިދުމަތެއް ހޯދުމަށް ނުވަތަ ފިހާރަތަކަށް ގޮސް ވިޔަފާރިކުރުމަށް ކޮންމެ ތިން ދުވަހަކުން އެއް ދުވަހު މާލޭގެ ކޮންމެ ގެއަކުން ވެސް އެކަކަށް ބޭރަށް ނުކުތުމަށް އެއްގަޑިއިރުގެ ހުއްދައެއް ދޭން ފަށައިފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ، ފުލުހުން ދޫކުރާ ހާއްސަ ހުއްދައިގެ ނާޖާއިޒް ފައިދާ ނަގަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެފަދަ މީހުންނަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރާނެ ކަމަށާއި އަދި އެއަށްފަހު ދެން ހުއްދަ ދޫކުރާނީ ކްރައިޓީރިއާއަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.
ނަވީން ވިދާޅުވީ، ވިޔަފާރިކުރުމަށާއި އޭޓީއެމްތަކަށް ދިއުންފަދަ ޒަރޫރީ ބޭނުންތަކަށް ދުވާލެއްގެ މައްޗަށް 7000 ހުއްދަ ފުލުހުންނަށް ދޭކުރެވޭ ކަމަށެވެ. އަދި މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޑެލިވަރީގެ ހިދުމަތް ދިނުމަށް މިރެއާ ހަމައަށް 4260 ހުއްދަ ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.