ކުއްލި ޚަބަރު

ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުންނަން ދުވާލަކު 7000 މީހުންނަށް ހުއްދަ ދެވޭ: އޭސީޕީ ނަވީން

ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުންނަން ދުވާލަކު 7000 މީހުންނަށް ހުއްދަ ދެވޭ ކަމަށް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނި، ބަލި ފެތުރެމުންދާ ކަމަށް ކަނޑައަޅައި ސަރުކާރުން ވަނީ މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ.

އެއާއެކު ވިިޔަފާރި ކުރުމުގައި މީގެ ކުރިން އަމަލު ކުރަމުންދިޔަ އުސޫލަށް ބަދަލު އައިސް ޑެލިވަރީ އަށް ވަނީ ބަރޯސާވާންޖެހިފައެވެ. އެގޮތުން ކޯބާތަކެއްޗާއި ފިހާރަކަތަކުން މުދާ ޑެލިވަރީ ކުރުމަށް ފުލުހުން ދަނީ ހާއްސަ ހުއްދަތަކެއް ދޫކުރަމުންނެވެ.

ނަމަވެސް ޑެލިވަރީކުރާ މުދާ ލިބުން ލަސްވެ، އާންމުންގެ ޝަކުވާ ބޮޑުވުމުން ފުލުހުން ފަހުން ވަނީ ޒަރޫރީ ހިދުމަތެއް ހޯދުމަށް ނުވަތަ ފިހާރަތަކަށް ގޮސް ވިޔަފާރިކުރުމަށް ކޮންމެ ތިން ދުވަހަކުން އެއް ދުވަހު މާލޭގެ ކޮންމެ ގެއަކުން ވެސް އެކަކަށް ބޭރަށް ނުކުތުމަށް އެއްގަޑިއިރުގެ ހުއްދައެއް ދޭން ފަށައިފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ، ވިޔަފާރިކުރުމަށާއި އޭޓީއެމްތަކަށް ދިއުންފަދަ ޒަރޫރީ ކަންކަމަށް ދުވާލެއްގެ މައްޗަށް 7000 ހުއްދަ ދޭކުރެވޭ ކަމަށެވެ.

އޭގެ އިތުރުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޑެލިވަރީގެ ހިދުމަތް ދިނުމަށް މިރެއާ ހަމައަށް 4260 ހުއްދަ ދޫކޮށްފައިވާ ކަމަށާއި އަދި މިއަދުވެސް އެފަދަ 161 ހުއްދައެއް ފުލުހުން ދޫކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަވީން ވިދާޅުވި ގޮތުގައި ލޮކްޑައުންގެ ހާލަތުގައި ފުލުހުން ދޫކުރާ ހާއްސަ ހުއްދައިގެ ނާޖާއިޒް ފައިދާ ނަގަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އެފަދަ މީހުންނަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރާނެ ކަމަށާއި އަދި އެއަށްފަހު ދެން ހުއްދަ ދޫކުރާނީ ކްރައިޓީރިއާއަށް ބެލުމަށްފަހު ކަމަށެވެ.