މިއަދު ޕޮޒިޓިވްވި 14 މީހުންނަކީ އެއްތަނެއްގައި ދިރިއުޅޭ ބަންގްލަދޭޝް 14 މީހުން ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ބިދޭސީން ދިރިއުޅޭ ތަންތަނަށް ގޮސް ސްކްރީން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ފަހުން ފެނުނު 14 މީހުންނަކީ ސްކްރީނިންގެ ތެރެއިން އެއް ތަނަކުން ފެނުނު 14 މީހުން ކަމަށެވެ.
"ގްރޭޓާ މާލެ އޭރިއާގައި ބިދޭސީންގެ ގިނަ މީހުން އެއްކޮށް އުޅޭ ތަންތަން ޕޮލިހާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ހިންގެވި އޮޕަރޭޝަނެއްގައި އައިޑެންޓިފައި ކުރެވިފައި. އަޅުގަނޑުމެން މިހާރު މަސައްކަތްކުރަމުން މިގެންދަނީ އެތަންތަނަށް ސްކީރިން ހަދައި، އެތަންތަނުގައި ބަލީގެ އަލާމާތްތައް ހުރި މީހުން ތިބިތޯ ބަލައި، އެކަހަލަ ބަޔަކު ތިބި ނަމަ އެމީހުންގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ ކަންތައްތައް ކުރަމުން. މިގޮތުން މިއަދު ވެސް ތިން ތަނެއް މިގޮތަށް ވަނީ ސްކްރީން ކުރެވިފައި. ފަހުން މި ޕޮޒިޓިވްވި 14 މީހުންނަކީ މިގޮތުން ސްކްރީން ކުރެވުނު، އެއް ތަނަކުން ފެނުނު 14 މީހުން. މި މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެ،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިއަދު ކުރިން އިއުލާންކޮށްފައިވާ ނުވަ ކޭސްގެ ތެރޭގައި ހިމެނޭ ހަތް މީހުންނަކީ ކުރިން ވެސް ފެނިފައި ހުރި އެކި ކޭސްތަކާ ގުޅުންހުރި މީހުން ކަމަށާއި އެގޮތުން ކޭސް 53އާ ގުޅުންހުރި ދެ މީހަކާއި ކޭސް 36އާ ގުޅުންހުރި ދެ މީހަކު ފެނިފައިވާ ކަމަށެވެ.
"މީގެ އިތުރުން އަޅުގަނޑުމެންނަށް މިހާތަނަށް އޮތް އެންމެ ބޮޑު ކްލަސްޓާ، އެއީ ކޭސް 38 އިން 49އާ ގުޅުންހުރި ކޭސްތައް. އަދި މީގެ އިތުރުން ވެސް ކޭސްތަކެއް މި ކްލަސްޓާގައި ހިމެނޭ. މި ކްލަސްޓާގެ އިތުރު ކޭސްތަކެއް ވެސް އަޅުގަނޑުމެންނަށް ފެނިފައިވޭ. އޭގެ އިތުރުން ކްލަސްޓާއަކާ ގުޅުމެއް ނެތް ދެ ފަރާތަކާ ގުޅޭ މައުލޫމާތު އަޅުގަނޑުމެން މިދަނީ އިތުރަށް ސާފުކުރަމުން،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ ކްލަސްޓާއަކާ ނުގުޅޭ ދެ ކޭސްއާއި އެހެން ކްލަސްޓާތަކާ ގުޅިފައި ހުރި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެގޮތުން މިހާތަނަށް ގާތްގަނޑަކަށް 137 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ.