ކުއްލި ޚަބަރު

ކޮވިޑަށް ޓެސްޓުކުރާ ދެވަނަ މެޝިނެއް ގެނެސް ޓެސްޓުކުރުމުގެ މަސައްކަތް މިރޭ ފަށަނީ

ކޮވިޑް 19އަށް ޓެސްޓުކުރާ ދެވަނަ މެޝިނެއް ގެނެސް ޓެސްޓުކުރުމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސްގެ މަސައްކަތްކުރުމަށް ބޭނުންކުރާ ޕީސީއާރު މެޝިނެއް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

"ޕޮލިސް އިންޓެލިޖެންސްގެ މަސައްކަތްކުރުމަށް ބޭނުންކުރާ ޕީސީއާރު މެޝިނެއް މިހާރު މިވަނީ މި މަސައްކަތުގައި ބޭނުންކުރަން ފަށާފައި. މިރޭ އެ މެޝިން ބޭނުންކުރަން ފެށޭނެ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އެ މެޝިނުން ފުރަތަމަކޮޅު ދުވާލަކު 50 އިތުރު ޓެސްޓު ހެދޭނެ ކަމަށާއި މެޝިނުގެ މަސައްކަތްތައް ރަނގަޅަށް ހިނގައިގަތީމަ އެއަށްވުރެ އިތުރުކުރެވޭނެ ކަމަށެވެ. އަދި މިހާރު ރާއްޖެއަށް އާ ޓެސްޓު ކިޓު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް އައި އިރުގައި ރާއްޖޭގައި 4960 ސާމްޕަލެއް ވަނީ ނެގިފައެވެ. އޭގެ ތެރެއިން މިހާތަނަށް 108 މީހެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.