ކުއްލި ޚަބަރު

އިތުރު 14 މީހަކު ޕޮޒިޓިވްވެ ރާއްޖޭގެ އަދަދު 108 އަށް އަރައިފި

އިތުރު 14 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެ ރާއްޖޭގެ އަދަދު 108 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މިހާތަނަށް ޓެސްޓުކުރެވުނު 108 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"މިހާތަނަށް އައި އިރުގައި ރާއްޖޭގައި 4960 ސާމްޕަލެއް މިވަނީ ނެގިފައި. އަދި މީގެ ތެރެއިން 108 ޕޮޒިޓިވް ކޭސް މިހާތަނަށް ފާހަގަކުރެވިފައި. އިއްޔެގެ ޕްރެސް ކޮންފަރެންސަށް ފަހު މިގަޑިއާ ހަމައަށް 23 ކޭސްއެއް ރާއްޖެއިން ވަނީ ފެނިފައި،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ޕޮޒިޓިވްވެފައިވާ މީހުންނާ ބައްދަލުވެފައިވާ މީހުން ހޯދުމަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތަކުގެ ތެރެއިން 1675 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިހާރު 217 ތަނެއް މޮނީޓަރިންގެ ހާލަތުގައި ހުރި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މީގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ހަތަރު ބިލްޑިންއެއް މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވޭ. އައިސޮލޭޝަންގައި މިވަގުތު 189 މީހުން އެބަތިބި. އަދި ކަރަންޓީނު ފެސިލިޓީތަކުގައި 1546 މީހުން އެބަތިބި." އޭނާ ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެންމެ ފަހުން ކޮވިޑަށް ޕޮޒިޓިވްވި 14 މީހުންނަކީ އެއް ތަނެއްގައި ދިރިއުޅޭ 14 ބަންގުލަދޭޝް މީހުން ކަމަށެެވެ.