ކުއްލި ޚަބަރު

އިންތިހާބާ ގުޅިގެން ސަސްޕެންޑު ކޮށްފައިވާ ސިވިލް ސާވަންޓުންގެ މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލި ސިވިލް ސާވަންޓުންގެ ސަސްޕެންޝަނާ ގުޅިގެން އެމީހުންނަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.

ހައިކޯޓުން ބުނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހުށަހެޅި ދުސްތޫރީ މައްސަލައަކީ އެ ކޯޓަށް އިހުތިސާސް ލިބިދޭ ބާވަތުގެ ދުސްތޫރީ މައްސަލައެއްކަމުގައި ނުވާތީ، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިނުގަންނަން ނިންމާފައިވާ ކަމަށެވެ.

"ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލާފައިވާ ސިވިލް ސާވަންޓުންގެ ސަސްޕެންޝަނާ ގުޅިގެން، ސިވިލް ސާވިސް ކޮމިޝަނުން، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް އިހުތިސާސް ލިބިދޭ ބާވަތުގެ ދުސްތޫރީ މައްސަލައެއްކަމުގައި ނުވާތީ، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިނުގަންނަން ވަނީ ނިންމާފައި." ހައިކޯޓުން ބުންޏެވެ.

ސަސްޕެންޝަނުގައި ތިބި ސިވިލް ސާވަންޓުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ހައިކޯޓަށް ހުށަހެޅީ އިލެކްޝަންސް ކޮމިޝަނާ ވެސް ސީއެސްސީން ވަނީ މަޝްވަރާކޮށްފައެވެ. އަދި ސީއެސްސީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުއެވެ.

ކޮވިޑް 19އާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާ ގުޅިގެން ގާނޫނުން އިލެކްޝަންސް ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން އެ ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މިމަހުގެ 18އަށް ފަސްކޮށްފައެވެ. އެ ތާރީހަށްވުރެ އިތުރަށް އިންތިހާބު ފަސްކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަކަށް ނުލިބެއެވެ.

އެހެންކަމުން އަންނަ އަހަރުގެ ޖެނުއަރީ ހަޔަކާ ހަމައަށް ކައުންސިލް އިންތިހާބު ފަސްކުރަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020"އަށް އަމަލުކުރަން ފެށުމާއެކު އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ސަސްޕެންޑްކޮށްފައި އޮތް އޮތުން ބާތިލުވާނެ ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ހާއްސަ ބިލުގައި ބުނެފައިވަނީ އަމަލުކުރަން ފެށުމާއެކު ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއިން ސަސްޕެންޑުކޮށްފައި އޮތް އޮތުން ބާތިލުވެ، އެމީހުން ކުރިން ތިބި މަގާމުތަކަށް އަނބުރާ ރުޖޫއަވާނެ ކަމަށާއި ނަމަވެސް އެމީހުން ސިވިލް ސާވިސްގެ ވަޒީފާއަށް ރުޖޫއަވާ ހިސާބުން ފެށިގެން އަލުން ސަސްޕެންޑު ކުރެވެންދެން، ކެމްޕޭނުގެ އެއްވެސް ކަމެއްގައި ބައިވެރިނުވެވޭނެ ކަމަށެވެ.