އަޅުގަނޑުމެން ގޭގައި ތިބެން ޖެހުނަސް، އަޅުގަނޑުމެންގެ ހައްގުގައި މަސައްކަތްކުރާ ބަޔަކު އެބަ ތިބިކަން ހަނދާންކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރޯދަމަސް ފެށުމުގެ މުނާސަބާގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ކޮވިޑް 19 އާ ގުޅިހެން ސިއްހީ ހިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުންނާއި، ޑެލިވަރީގެ ހިދުމަތް ދޭ މީހުންނާއި، އެނޫންވެސް ކިތަންމެ ބަޔަކު، ކުރަމުން ގެންދަނީ އެކަންކަމުގެ އަގު އަދާކުރެވޭ ވަރަށްވުރެ މާ މަތިވެރި ހިދުމަތްތަކެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ގެއިން ނުނިކުމެ ތިބެން ޖެހުނަސް، އަޅުގަނޑުމެންގެ ހައްގުގައި އާއިލާއާއި ގާތްތިމާގެ މީހުންނާ ވަކިން، ވަރަށް މުހިންމު އަދި އެހާމެ ބުރަ މަސައްކަތްތަކެއް ކުރާ ބަޔަކު އެބަ ތިބިކަން ހަނދާންކުރަންޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގެއިން ބޭރަށް ނުނިކުމެ، ކެތްތެރިކަމާއެކު މި ދަތިކަން ތަހައްމަލުކުރުމަކީ، މި ނުރައްކަލުން އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގު ކަމަށެވެ. އަދި ރާއްޖެއިން "ކޮވިޑް 19"ގެ ނުރައްކާތެރިކަން ފިލައިގެން ނޫނީ، އިގުތިސާދީ ހަރަކާތްތައް ފެށޭނެ އެއްވެސް ގޮތެއް ނެތްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ، މި އުނދަގޫ ދަތި ހާލަތުގައިވެސް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ، ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގު ފަހިކޮށްދިނުމަށް ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މި މަސައްކަތް ކާމިޔާބު ކުރުމަށް، ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ނިހާޔަތަށް ބޭނުންވާ ކަމަށެވެ.