ކުއްލި ޚަބަރު

ރާއްޖެއިން ކޮވިޑުގެ ނުރައްކާތެރިކަން ފިލައިގެން ނޫނީ އިގުތިސޯދީ ހަރަކާތްތައް ފެށޭނެ އެއްވެސް ގޮތެއް ނެތް

މަރިޔަމް ޝަހުދާ

ރާއްޖެއިން ކޮވިޑުގެ ނުރައްކާތެރިކަން ފިލައިގެން ނޫނީ އިގުތިސޯދީ ހަރަކާތްތައް ފެށޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރޯދަމަސް ފެށުމުގެ މުނާސަބާގައި ރައީސް ދެއްވި ހިތާބުގައި މުޅި ދުނިޔޭގެ އިގުތިސާދު ދަށްވުމުގެ ނަތީޖާ ރާއްޖެއަށްވެސް ކުރިމަތިވެފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން މި ދަނޑިވަޅުގައި އެހީތެރިކަމަށް ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މި މާތް މައްސަރުގެ ދަރުމައާއި ސަވާބު ފުރިހަމަ ގޮތުގައި ހޯދުމަށް ސަމާލުކަން ދޭންޖެހޭ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި އުނދަގޫ ދަނޑިވަޅުގައިވެސް ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ، ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ. އަދި މިކަން ކުރެވޭނީ ރައްޔިތުންގެ އަތުގައި ހުރި ފުދުންތެރިކަމާއި ވަސީލަތްތައް އިސްރާފު ކުރުމެއްނެތި ފުއްދުންތެރިކަމާއެކު ބޭނުންކޮށްގެން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ދަނޑިވަޅުގައި ބޭކާރު ހަރަދު ކުރުން ހުއްޓާލުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ. އަދި ފަހަށް ރައްކާކުރުމުގެ ސިފަ ހަރުލެއްވުމަށް މި ހާލަތުގެ ބޭނުން ކުރުމަށް ރައީސް އެދެވަޑައިގެންނެވިއެވެ.