ހިތާމައިގެ ދަނޑިވަޅުގައި، ރޯދަމަސް ބައްދަލުކުރިކަމީ، ބަލިމަޑުކަމުން އަރައިގަތުމަށް މެދުވެރިކޮށްދެއްވި މަތިވެރި ނަސީބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ރައީސް ސޯލިހު ދެއްވި ހިޠާބުގައި ވިދާޅުވީ މިއަހަރުގެ ރޯދަމަސް މި ބައްދަލުކުރީ، މިއިން ޒަމާނެއްގައިވެސް އިންސާނުން ތަޖުރިބާކޮށްފައި ނުވާފަދަ ވަރުގަދަ އިމްތިހާނަކާ ކުރިމަތިލާންޖެހިފައިވާ ދުވަސްވަރެއްގައި ކަމަށެވެ.
"ކޮވިޑް 19ގެ ބަލިމަޑުކަން، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާންމު ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފި. އިޖުތިމާއީ ގައިދުރުކުރުމަށް އިސްކަން ދޭންޖެހުމުގެ ސަބަބުން، އަޅުގަނޑުމެން ޖަމާއަތުގައި އަދާކުރާ އަޅުކަންތައްވެސް މިވަނީ މެދުކަނޑައިލަން ޖެހިފައި. އެހެންނަމަވެސް، މި ހިތާމައިގެ ދަނޑިވަޅުގައި، ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރި ކަމީ، މި ނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމަށް اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މެދުވެރިކޮށްދެއްވި ވަރަށް މަތިވެރި ނަސީބެއް ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީންވެސް ބާރުއަޅަނީ، އީމާންތެރިކަން ވަރުގަދަކޮށް ކެތްތެރިވެ، ސަބަބުތަކުގައި ހިފުމާއެކު، ﷲގެ ޙަޟްރަތުން މަދަދާއި ވާގިވެރިކަމަށް އެދުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މުހިންމު ދުވަސްތައް ހޭދަކުރަންވީ، ކޮވިޑް 19ގެ ނުރައްކާތެރިކަން ފިއްލަވައި، އާންމު ދިރިއުޅުމުގެ ހާލަތަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީގު ދެއްވުން އެދި، اللهُ ގެ ހަޟްރަތުގައި ދުއާ ދެންނެވުމުގައި ކަމަށެވެ.
"މިސްކިތްތައް ބަންދުކުރަން ޖެހުނަސް، ﷲއަށް މުނާޖާ ދެންނެވުމުގެ ދޮރުތައް ވަނީ ތަނަވަސްކަމާ އެކު ހުޅުވިފައި. ގޭގައި ތިބެގެންވެސް ފަރުޟު ނަމާދުތައް ބަރާބަރަށް ކުރެއްވުމަށް ހުރިހާ ބޭފުޅުންވެސް އިސްކަން ދެއްވުން ވަރަށް މުހިންމު. ކީރިތި ޤުރްއާން ކިޔެވުން އިތުރުކޮށް، ތަރާވީޙް ނަމާދުކުރުމަށާއި ދަމު ނަމާދުކުރުމަށް ސަމާލުކަން ދެއްވައި، ހުރިހާ ބޭފުޅުންވެސް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަންވީ، މި ބަލީގެ ނުރައްކާތެރިކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދެއްވާތޯ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ މިއީ ދީލަތިކަމާއި އޯގާތެރިކަން އިސްކޮށް، މީހުންނަށް އެހީތެރިކަން ފޯރުވައި، އަޅައިލާ މައްސަރަކަށް ހެދުމަށް ވެސް އެދިވަޑައިގަންނަވައިފައެވެ.