ކުއްލި ޚަބަރު

ސަރުކާރުން މަސައްކަތް މިކުރަނީ ރައްޔިތުންގެ ތަކުލީފު ވީހާވެސް ކުޑަކޮށްދެވޭތޯ: ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންގެ ތަކުލީފު ވީހާވެސް ކުޑަކޮށްދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ، މިއަހަރުގެ ރޯދަމަސް ބައްދަލުކޮށްފައި މިވަނީ މިއިން ޒަމާނެއްގައި ވެސް އިންސާނުން ތަޖުރިބާކޮށްފައިނުވާފަދަ ވަރުގަދަ އިމްތިހާނަކާ ކުރިމަތިލާންޖެހިފައިވާ ދުވަސްވަރެއްގައި ކަަމަށެވެ.

އެގޮތުން ކޮވިޑް 19ގެ ބަލިމަޑުކަން ދިވެހިންގެ ދިރިއުޅުމުގެ އާންމު ހަރަކާތްތައް ހުއްޓުމަކަށް ގެނެެސް، އިޖްތިމާއީ ގައިދުރުކުރުމަށް އިސްކަން ދޭންޖެހުމުގެ ސަބަބުން ޖަމާއަތުގައި އަދާކުރާ އަޅުކަންތައް ވެސް މެދުކަނޑައިލަން ޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، މިހާލަތުގައި ގެއިން ބޭރަށް ނުނިކުމެ، ކެތްތެރިކަމާއެކު ދިމާވެފައިވާ ދަތިތައް ތަހައްމަލުކުރުމަކީ މި ނުރައްކަލުން އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގު ކަމަށެވެ. އަދި ކޮވިޑްގެ ނުރައްކާތެރިކަން ފިލައިގެން ނޫނީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ފެށޭނެ އެއްވެސް ގޮތެއް ނެތްކަން އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، މި އުނދަގޫ ދަތި ހާލަތުގައި ވެސް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ، ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގު ފަހިކޮށްދިނުމަށް. މި މަސައްކަތް ކާމިޔާބު ކުރުމުގައި، ލޮބުވެތި ރައްޔިތުންގެ އެހީތެރިކަން ސަރުކާރަށް ނިހާޔަތަށް ބޭނުންވޭ،" ރައީސް ވިދާޅުވިއެވެ.

ރޯދަމަހަކީ އަތުގައި ހުރި ފުދުންތެރިކަމާއި ވަސީލަތްތައް އެންމެ ފުރިހަމައަށް އިގްތިސާދުކޮށް، އިސްރާފުކުރުމާ މުޅިން ދުރުހެލިވާންވީ އެންމެ މުހިންމު ވަގުތުކަން ފާހަގަކުރައްވާ ރައީސް އިތުރަށް ވިދާޅުވީ، ރޯދައިގެ އަޅުކަމުން ލިބޭ އެންމެ ވަރުގަދަ ފިލާވަޅަކީ ވެސް ކާބޯތަކެތި އިގްތިސާދުކޮށް އިސްރާފުނުކުރުން ކަމަށެވެ. އަދި ބޭކާރު ހަރަދުތައް ހުއްޓާލައި، ފަހަށް ރައްކާކުރުމުގެ މަތިވެރި ސިފަ ހަރުލެއްވުމަށް މިހާލަތުގެ ބޭނުން ހިފުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.