ރޯދަމަހު އަނެކުންނަށް އެހީތެރިވެ ދީލަތިކަން އިސްކުރުމަށް ހުރިހާ ދިވެހީންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.
މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ހިތާބުގައި ވަނީ، މިއީ އަޅުގަނޑުމެންގެ ދީލަތިކަމާއި އޯގާތެރިކަން އިސްކޮށް، މީހުންނަށް އެހީތެރިކަން ފޯރުވައި، އަޅައިލާ މައްސަރަކަށް ހެދުމަށާއި ދިވެހިންގެ ކިބައިގައިވާ އިންސާނިއްޔަތުކަމުގެ މާތް ސިފަ ކުރިއަށް ނެރެ، މުޖުތަމައުގެ ތެރޭގައި ތިބި ދުވަސްވީމީހުންނާއި ބަލި މީހުންނަށް ހެޔޮ ފޯރުވައި އުޅެން އިސްކަން ދިނުމަށް އިލްތިމާސް ކުރައްވައިފައެވެ.
ރޯދަމަހަކީ ކީރިތި ޤުރުއާނުގެ މައްސަރުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ މާތް ފޮތް އުނގަންނައިދޭ އެންމެ މަތިވެރި އަހުލާގީ ސިފަތަކަކީ އަނެކުންނަށް އޯގާތެރިވުމާއި ފަގީރުންނާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި ނިކަމެތީންނަށް ހެޔޮފޯރުވުން ކަމަށެވެ.
އެހެންކަމުން ދިވެހިންނަށް ކުރިމަތިވެފައިމިވާ ދަތި ހާލަތުގައި، އަނެކުންގެ ހިތާމަތައް ފިލުވައިދީ، ދީލަތިވެ އެހީތެރިކަން ފޯރުވުމަކީ، މި މާތް މައްސަރުގެ ދަރުމައާއި ސަވާބު ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައި ވެސް ސަމާލުކަން ދޭންޖެހޭ ކަންތައް ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިސްކިތްތައް ބަންދުކުރަން ޖެހުނަސް ﷲއަށް މުނާޖާ ދެންނެވުމުގެ ދޮރުތައް ވަނީ ތަނަވަސްކަމާއެކު ހުޅުވިފައިވާ ކަމަށާއި އެހެންކަމުން ގޭގައި ތިބެގެން ވެސް ފަރުޟު ނަމާދުތައް ބަރާބަރަށް ކުރުމަށާއި ކީރިތި ޤުރުއާން ކިޔެވުން އިތުރުކުރަންޖެހޭ ކަމަށެވެ.
އަދި ތަރާވީހް ނަމާދުކުރުމަށާއި ދަމު ނަމާދުކުރުމަށް ސަމާލުކަންދީ، ކޮވިޑްގެ ނުރައްކާތެރިކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދެއްވާތޯ ހުރިހާ ރައްޔިތުން ވެސް ﷲގެ ހަޟްރަތުގައި ދުއާ ދަންނެވުމަށް ރައީސް ގޮވާލެއްވިއެވެ.