ކޮވިޑް 19ގެ މިހާލަތުގައި އިސްރާފު ކުޑަކޮށް އިގުތިސޯދުކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.
މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ހިތާބުގައި ވިދާޅުވީ، މިއީ އަތުގައި ހުރި ފުދުންތެރިކަމާއި ވަސީލަތްތައް އެންމެ ފުރިހަމައަށް އިގްތިސާދުކޮށް، އިސްރާފުކުރުމާ މުޅިން ދުރުހެލިވެގެންވާންވީ އެންމެ މުހިންމު ވަގުތު ކަމަށެވެ. އަދި ރޯދައިގެ އަޅުކަމުން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ ވެސް ކާބޯތަކެތި އިގްތިސާދުކޮށް އިސްރާފުނުކުރުންކަން ފާހަގަކުރެއްވިއެވެ.
"ރޯދައިގެ އަޅުކަމުން އަޅުގަނޑުމެންނަށް ލިބޭ އެންމެ ވަރުގަދަ ފިލާވަޅަކީވެސް، ކާބޯތަކެތި އިގްތިސާދުކޮށް އިސްރާފުނުކުރުން. ބޭކާރު ހަރަދުތައް ހުއްޓާލައި ފަހަށް ރައްކާކުރުމުގެ މަތިވެރި ސިފަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލެއްވުމަށް، މި ހާލަތުގެ ބޭނުން ހިފުމަކީ ވަރަށް މުހިންމު ކަމެއް." ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮވިޑާ ގުޅިގެން ގެއިން ބޭރަށް ނުނިކުމެ، ކެތްތެރިކަމާއެކު މި ދަތިކަން ތަހައްމަލުކުރުމަކީ މި ނުރައްކަލުން އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގު ކަމަށެވެ.
އޭގެ އިތުރުން ރާއްޖެއިން ކޮވިޑްގެ ނުރައްކާތެރިކަން ފިލައިގެން ނޫނީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ފެށޭނެ އެއްވެސް ގޮތެއް ނެތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މި އުދަނގޫ ދަތި ހާލަތުގައި ވެސް ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ، ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގު ފަހިކޮށްދިނުމަށް ކަމަށެވެ.