ކުއްލި ޚަބަރު

ރޯދަމަސް މި ބައްދަލުކުރީ މިއިން ޒަމާނެއްގައިވެސް ތަޖުރިބާ ނުކުރާވަރުގެ އިމްތިހާނަކާއެކު: ރައީސް

މަރިޔަމް ޝަހުދާ

ރޯދަމަސް މި ބައްދަލުކުރީ މިއިން ޒަމާނެއްގައިވެސް ތަޖުރިބާ ނުކުރާވަރުގެ އިމްތިހާނަކާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

1441 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ ކޮވިޑް 19ގެ ސަބަބުން އަހަރެމެންގެ އާންމު ދިރިއުޅުން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އިޖުތިމާއީ ގައިދުރު ކަމަށް އިސްކަން ދޭން ޖެހިފައިވާކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރޯދަމަހުގައި ޖަމާއަތުގައި ކުރާ އަޅުކަންތައްވެސް މި ބަލީގެ ސަބަބުން މެދުކަނޑާލަން ޖެހިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް މި ދަނޑިވަޅުގައި އަހަރެމެންނާ ރޯދަމަސް ބައްދަލުކުރިކަމީ މި ބަލިން އަރައިގަތުމަށް މާތް ﷲ އަހަރެމެންނަށް މެދުވެރިކޮށްދެއްވި ނަސީބެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އިސްލާމް ދީނަކީ އީމާންކަން ވަރުގަދަކޮށް ކެތްތެރިވުމަށް ބާރު އަޅާ ދީނެއްކަން ފާހަގަކުރައްވައިފައެވެ. އަދި މިވަގުތުގައި މި ބަލިމަޑުކަމުގައި ރޯދަމަސް އަހަރެމެންނާ ބައްދަލުކުރުމަކީ ނަސީބެއް ކަމުގައި ބަލައި، ސަބަބުތަކުގައި ހިފުމާއެކު، ﷲގެ ހަޒުރަތުގައި މަދަދާއި ވާގިވެރިކަމަށް އެދުމަށް ރައީސް ނަސޭހަތްތެރިވިއެވެ.

މާދަމާއަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.