ކޮވިޑް 19 ގެ މިހާލަތުގައި ގެއްލުންވި އަމިއްލަ ކުންފުނިތަކަށް ފައިސާ ދޫކުރުމަށް ސަރުކާރުން ގާއިމުކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުން، އެ ވިޔަފާރިތަކަށް އަންނަ އާދިއްތަ ދުވަހު ފައިސާ ދޫކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ، ކޮވިޑް 19ގެ މި ހާލަތުގައި އިކޮނޮމިކް މިނިސްޓްރީން ކުރަމުންގެންދާ ކަންތައްތަކާބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިއަދު މައުލޫމާތު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އިއުލާންކުރި 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖުން އެހީއަށް އެދި 700 އަށް ވުރެ ގިނަ ފަރާތުން ހުށަހެޅި ކަމަށެވެ.
ނަަމަވެސް އެ ފައިސާ ދޫކުރުން ލަސްވީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ބޭންކްތަކުގެ ހިދުމަތްތަކަށް ބުރޫ އެރުމުން ކަމަށް ވެސް ވިދާޅުވި
މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ހައްލުކޮށް، އަންނަ ހަފުތާގެ އާދިއްތަދުވަހު ފައިސާ ދޫކުރަން ފަށާއިރު، 150 އެއްހާ ފަރާތަށް އެ ފައިސާ ދޫކުރެވޭނެ ކަމަށެވެ.
ހަ ޕަސެންޓްގެ އިންޓްރެސްޓް ހބިމެނޭ މި ލޯނު ޕެކޭޖުގެ ދަށުން އެސްޑީއެފްސީ މެދުވެރިކޮށް އަމިއްލަ މަސައްކަތްކުރާ މީހުންނަށް ދޫކުރާ ލޯނަށް ގިނަވެގެން ދެނީ 18،000 ރުފިޔާ ކަމަށާއ، ކުދި ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި ދޫކުރަން ނިންމާފައި ވަނީ ގިނަވެގެން 500،000 ރުފިޔާ ކަމަށް މިނިސްޓްރު ވަނީ ވިދާޅުވެފައެވެ.