ކޮވިޑް 19 އާއި ގުޅިގެން ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އެމްޑަބްލިއުއެސްސީން މީޓަރުތަކުގެ ރީޑިން ނަގަން ދިއުން ހުއްޓާލައި، މީޓަރުގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ އެވެ.
އެމްޑަބްލިއުއެސްސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއީ މާލެ ސަރަހައްދު ލޮކްޑައުންއަށް ގެނެސްފައި ވުމުގެ އިތުރުން އެ ކުންފުނީގެ މުވައްޒަފުން އެއްތަނުން އަނެއްތަނަށް ދަތުރު ކުރާ މިންވަރު ކުޑަ ކުރުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
އެގޮތުން އެމްޑަބްލިއުއެސްސީއަށް ފޮޓޯ ފޮނުވަން ޖެހޭނީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ކުރިން ފެންބިލު ނުލިބޭ ކަސްޓަމަރުން ކަމަށް އެކުންފުނީން ބުނެއެވެ. މީޓަރުގެ ފޮޓޯ ފޮނުވަން ޖެހޭ ކަސްޓަމަރުންނަށް މެސެޖެއްގެ ޒަރިއްޔާއިން އެކަން އަންގާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި މިމަހުގެ ނިޔަލަށް މީޓަރުގެ ފޮޓޯ ފޮނުވުމަށް އެދި ކަސްޓަމަރުންނަށް މެސެޖު ކުރާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުން އަންގަމުން އަންނަ އެންގުންތަކާއި އެއްގޮތްވާގޮތުގެ މަތީން އެމްޑަބްލިއުއެސްސީން އަންނަނީ އެ ކުންފުނީގެ އެކި މަސައްކަތްތަކަށް ބަދަލު ގެންނަމުންނެވެ. އެގޮތުން ގިނަ ހިދުމަތްތަކެއް ގޭގައި ތިބެގެން އޮންލައިންކޮށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.