އަލީ ޔާމިން
މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ އަސަރުކޮށްފައިވާ ގައުމުތަކަށް އެހީވުމަށް ޗައިނާއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އަށް 30 މިލިއަން ޑޮލަރު ހަދިޔާކުރަން ނިންމައިފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ޖެންޑް ސައުންގް، އެގައުމުގެ މީޑިއާތަކަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ، ކޮވިޑް 19ގެ އަސަރުކޮށްފައިވާ ގައުމުތަކުގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ޗައިނާއިން ޑަބްލިޔުއެޗްއޯއަށް 30 މިލިއަން ޑޮލަރު ދޭން އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިންވެސް ޗައިނާއިން ވަނީ ކޮވިޑް 19ގެ ސަބަބުން ގެއްލުންވެފައިވާ ގައުމުތަކަށް އެހީވުމަށް ޑަބްލިޔުއެޗްއޯއަށް 20 މިލިއަން ޑޮލަރު ހަދިޔާކޮށްފައެވެ.
ޑަބްލިޔުއެޗްއޯއިން އަންނަނީ ކޮވިޑުގެ ސަބަބުން އަސަރުކޮށްފައިވާ ގައުމުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ޑަބްލިޔުއެޗްއޯއިން ވަނީ ބައެއް ގައުމުތަކަށް ސާޖިކަލް މާސްކާއި، ޓެސްޓު ކިޓުގެ އިތުރުން ވެންޓިލޭޓަރާއި އެނޫންވެސް ރައްކާތެރިކަމުގެ ގޮތުން ބޭނުން ކުރާނެ ތަކެތި ފޮނުވައިފައެވެ.
ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެނުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީންނެވެ. އޭގެ ފަހުން އެގައުމުގައި އެބަލި ބާރަށް ފެތުރުނު ނަމަވެސް މިހާރު ޗައިނާއިން ވަނީ ބައްޔާ ދެކޮޅަށް ބޮޑު ކުރިއެރުމެއް ހޯދައިފައެވެ. އަދި ބަލި ފެތުރުން ވޫހާންގައި ކޮންޓްރޯލްކުރެވިފައިވާއިރު ޗައިނާއިންވެސް އަންނަނީ އެތަކެއް ގައުމަކަށް، ހާއްސަކޮށް ދެކުނު އޭޝިއާގެ ގައުމުތަކަށް މާލީ ގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.