ކުއްލި ޚަބަރު

މިރޭ 7:00 ގައި ރައީސް ސޯލިހު ގައުމާ މުހާތަބުކުރައްވަނީ

1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ 7:00 ގައުމާ މުހާތަބުކުރައްވަން ނިންމަވައިފި އެވެ.

ރައީސް ސޯލިހު މިރޭ ގައުމާ މުހާތަބުކުރައްވަން ނިންމަވާފައިވާ އިރު، މާދަމާ އަކީ މިއަހަރުގެ މުލަ ރޯދަ ދުވަހެވެ. މި ދުވަހާ ދިވެހީން މި ކުރިމަތިލަނީ ރާއްޖޭގެ ތާރީހުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ސިއްހީ ކާރިސާގެ ވަގުތުގަ އެވެ.

ކޮވިޑް 19 މުޅި ދުނިޔެއަށް ފެތުރި، ބަލި ޖެހުނު މީހުންގެ އަދަދު ތިން މިލިއަނާ ކައިރިވެފައިވާ އިރު، މި ބަލީގައި މަރުވި މީހުންގެ އަދަދުވެސް ވަނީ ދެލައްކައަށް އަރަން ކައިރިވެފަ އެވެ.

ރާއްޖޭން މި ބަލި ފެނުނު ފަހުން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދުވެސް ވަނީ 95 އަށް އަރައިފަ އެވެ. ރާއްޖޭން މިބަލި ފުރަތަމަ ފެނުނީ ރިސޯޓަކުން ނަމަވެސް، މި މަހުގެ ފަނަރަ ވަނަ ދުވަހު ވަނީ މާލޭން ވެސް ބަލި ފެނި މުޖުތަމައު ތެރެޔަށް ފެތުރިފަ އެވެ. އަދި މި ބަލި ޖެހިފައި ހުރި މީހަކު ހއ. އުލިގަމުގައިވެސް އެބަހުއްޓެވެ. މީގެ އިތުރުން ކޮވިޑް ޖެހުނު މީހުންނާ ސީދާ ބައްދަލުވި މީހުން ވެސް އަތޮޅުތަކުގެ އެކި ރަށްރަށުގައި އެބަތިއްބެވެ.

މުޖުތަމައު ތެރެޔަށް ކޮވިޑް ފެތުރުމާއި ގުޅިގެން ރާއްޖޭގެ މުޅި ރާއްޖެ މިވަގުތު ވަނީ ލޮކްޑައުން ކޮށްފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟