ކޮވިޑް 19

ކޮވިޑް 19 ޖެހުނު ގިނަ މީހުންގެ ވަސްނުދުވުމާއި ރަހަނުލުމުގެ އަލާމާތްތައް ހުރި : ދިރާސާ

މިންހާ ފާއިޒް ރަޝާދު

ވަސް ނުދުވުމާއި ރަހަ ނުލުމުގެ އަލާމާތްތައް ކޮވިޑް19 ޖެހިފައިވާ ގިނަ މީހުންގެ ފަރާތުން ފެނިފައިވާ ކަމަށް ދިރާސާއިން ދައްކައިފި އެވެ.

ސީއެންއެން އިން ބުނީ އިޓަލީން ބައްޔަށް ޕޮޒިޓިވް ވި 202 މީހެއްގެ އަލާމާތްތައް މި ދިރާސާގައި ދެނެގަނެފައިވާ ކަމަށެވެ. އޭގެ ތެރެއިން 67 ޕަސެންޓު މީހުން ވަނީ ވަސް ނުދުވުމާއި ރަހަ ނުލާކަމަށް ރިޕޯޓުކޮށްފައެވެ.

ލަންޑަނުގެ ގައިސް ހޮސްޕިޓަލުގެ ޑޮކްޓަރުންތަކެއް ހެދި މިދިރާސާގައި އެންމެ އިސްކޮށް ހުރި ޑޮކްޓަރު ޑެނިއަލް ބޯސެޓޯ ވަނީ މިއީ މިހާތަނަށް މިކަމާ ގުޅިގެން ހެދި ދެވަނަ ދިރާސާކަން ފާހަގަ ކުރައްވާފައެވެ. ނަމަވެސް ކޮވިޑު ޖެހޭ ގިނަ މީހުން ވަސް ނުދުވާ ކަމަށާއި ރަހަ ނުލާކަމުގެ ޝަކުވާ މީގެ ކުރިންވެސް ކުރެއެވެ.

މެޑިކަލް ޖާނަލް ޖާމާ ގައި ޝާއިއުކޮށްފައިވާ މި ދިރާސާ "ސައިނޯ-ނޭސަލް އައުޓްކަމް ޓެސްޓު 22" ނުވަތަ "ސްނޮޓް-22" ދިރާސާ ހެދުމަށް ޑޮކްޓަރުންވަނީ އިޓަލީގައި ބަލި ޖެހުނު 202 މީހުނަށް ފޯނުން ގުޅައި ސުވާލުކޮށްފައެވެ. މިގޮތަށް ގުޅީ ބައްޔަށް ޕޮޒިޓިވް ވި މީހުން "ސްވޮބް" ޓެސްޓު ހެދިތާ ފަހެއް ނުވަތަ ހަދުވަސް ފަހުންނެވެ.

އެ އިންޓަވިއުގައި ބައިވެރި ވި 130 މީހުން ވަނީ ވަސް ނުދުވާކަމަށާއި ރަހަ ވެސް ނުލާކަމަށް ރިޕޯޓުކޮށްފައެވެ. އޭގެ ތެރެއިން ތިންބައިކޮށްފަ އެއްބައި މީހުން ވަނީ ނޭފަތް ބެދިފައިވާކަންވެސް ފާހަގަ ކޮށްފައެެވެ. މިއީވެސް ވަހާއި ރަހައަށް ބަދަލު އައިސްދާނެ ކަމެއްގެ ގޮތުގައި ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ.

"68.3 ޕަސެންޓު މީހުން ބުނީ ވަރުބަލިވާ ކަމަށް، 60،4 ޕަސެންޓު މީހުންގެ ހިކި ކެއްސުމެއް ހުރި، 55.5 ޕަސެންޓު މީހުން ރިޕޯޓު ކުރީ ހުން އައިކަމަށް" އޭގައިވެއެވެ.

ދިރާސާގައި އިތުރަށް ފާހަގަކޮށްފައިވަނީ ވަސް ނުދުވުމާއި ރަހަ ނުލުން އެއީ ފުރަތަމަ އަލާމާތެއްގެ ގޮތުގައި ރިޕޯޓު ކުރީ 12 ޕަސެންޓު މީހުން ކަމަށެވެ. ހަތަރުބައިކޮށްފަ އެއްބައި މީހުން ރިޕޯޓުކޮށްފައިވަނީ ރަހަ އާއި ވަހަށް ބަދަލު އައީ އެހެން އަލާމާތްތަކާއެކުގައި ކަމަށެވެ. އަދި 27 ޕަސެންޓު މީހުން ވަނީ އެންމެ ފަހުގެ އަލާމާތެެއްގެ ގޮތުގައި ރަހަ އާއި ވަހަށް ބަދަލު އައިކަން ފާހަގަކޮށްފައެވެ. ތިން ޕަސެންޓު މީހުން ވަނީ އެއީ އެމީހުންގެ ހުރި ހަމައެކަނި އަލާމާތްކަމަށްވެސް ބުނެފައެވެ.

އެހެންކަމުން ރިޕޯޓުގައި ވަނީ ކޮވިޑް19 ޖެހޭ މީހުން ދެނެގަތުމަށް ރަހަ އާއި ވަސް ނުދުވާކަމުގެ އަލާމާތަށްވެސް ބެލުން މުހިންމު ކަމުގައި ފާހަގަކޮށްފައެވެ.