އިބްރާހިމް ޒަކީ
ސަރުކާރުގެ މާލީ ހާލާތު ބެލުމަށްފަހު، ޗިލްޑްރަންސް އޮމްބަޑްސްޕާސަން ގެ މަގާމަށް މީހަކު އައްޔަން ކުރުމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ފާސްކޮށްފިއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރުމަށް ގދ. ތިނަދޫ ހިރިޔާ ސިޔާނަތު ހާޝިމް ގެނަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މަޖިލީުގެ އިއްޔެގެ ޖަލްސާގައި ވަނީ ފޮނުވައިފައެވެ.
އެ ނަން ދިރާސާ ކުރުމަށް ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގައި، މެންބަރުން ވިދާޅުވީ ކޮވިޑް 19 އިން ސަލާމަތް ވުމަށް ކުރަމުންގެން އަންނަ މަސައްކަތްތަކުގެ ސަބަބުން ސަރުކާރަށް ބުރަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އިތުރު މަގާމުތައް އުފެއްދުމުގެ ކުރިން ސަރުކާރުގެ މާލީ ހާލަތު ބަލަންޖެހޭ ކަމަށެވެ.
އެހެންކަމުން އިތުރު މުއައްސަސާއެއް ގާއިމްކޮށް މަގާމަށް ބޭފުޅަކު އައްޔަން ކުރުމުުގެ ސަބަބުން ދައުލަތަށް ދިމާވާނެ ބުރައެއް އޮތްތޯ އޮޅުންފިލުވުމަށް ފިނޭންސް މިނިސްޓަރާ މަޝްވަރާ ކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވައި ނިލަންދޫ ދާއިރާގެ މެންބަރު އަބދުލް މުހުސިން ހަމީދު ތާއީދުކުރައްވައިގެން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ، ކޮމިޓީން ފާސްކުރި ގޮތަށް ކުރިއަށް އޮތް ދެހަފުތާގެ ތެރޭގައި ފިނޭންސް މިނިސްޓަރަށް ފަސޭހަ ވަގުތެއްގައި އެކަމާބެހޭގޮތުން މަޝްވަރާ ކުރުމަށް ކޮމިޓީ ބައްދަލުވުމަށް ދަންނަވާނެ ކަމަށެވެ.
ގާނޫނުގައި ބުނެފައިވަނީ، އޮމްބަޑްސްމަންޕާސަންގެ އޮފީހަކީ، މިނިވަން މުސްތަގިއްލު އިދާރާއެއް ކަމަށެވެ. އަދި އެ މަގާމަށް މީހަކު އައްޔަން ކުރުމުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ދައުލަތުން ފޯރުކޮށްދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނުގައި ހިމަނާފައިވަނީ، ދައުލަތުގެ އިދާރާތަކުން މިގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ މި ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ މުއާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަނެ އެ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމެވެ.
މީގެ އިތުރުން ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓާކޮށް އިވެލުއޭޓްކުރުމާއި، އެފަދަ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާކުރުން ވެސް އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެއެވެ.