އަންހެނުން

ސެލިއުޓިން ގަން ޖެހުމަށް ފުރަތަމަ ފަހަރަށް ހައެކަނި އަންހެން ސިފައިން

އަލީ ޔާމިން

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސެލިއުޓިން ގަން ޖެހުމުގައި އަންހެން ސިފައިން ބައިވެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ހަނދު ފެނިއްޖެ ނަމަ ބަޑި ޖެހުމަށް ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ކޮމާންޑަރަކަށްވެސް ހަރަކާތްތެރިވެފައިވަނީ އަންހެނެއް ކަމަށެވެ. ނަމަވެސް ރޭ ހަނދު ފެނިފައިނުވާތީ ބަނޑި ޖަހާފައެއް ނުވެއެވެ.

މީގެ ކުރިން ބަޑި ޖެހުމުގައި ހަރަކާތްތެރިވަނީ ފިރިހެން ސިފައިންނެވެ.

އެމްއެންޑީއެފުން ބުނީ ބަޑި ޖަހަނީ ހާއްސަ ރަސްމިއްޔާތުތަކާއި، ހާއްސަ ދުވަސްތަކާއި، ބޭރުގެ އިއްޒަތްތެރިން ރާއްޖެ އަންނަ ދުވަސްތަކުގައި ކަމަށެވެ.

މިއަހަރުގެ މުލަ ރޯދަ ދުވަހަކީ ހުކުރު ދުވަސްކަމުގައި އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.

ހަނދާ ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ރޭ ވިދާޅުވީ އިއްޔެ އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ. އެހެން ކަމުން ރަމަޟާންމަހާއި، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި ރާއްޖޭގައި އަމަލުކުރުމަށް ރާއްޖޭގައި ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މިއަދަކީ 1441 ވަނަ އަހަރުގެ ޝައުބާން މަހުން 30 ވަނަ ދުވަސް ކަމުގައްޔާ އަދި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ.