މާލޭގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުންދާތީ ބިދޭސީން އުޅޭ ހަ ތަނެއް ފުލުހުން މޮނީޓާކުރަން ފަށައިފިއެވެ.
މާލޭގައި ދިރިއުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ދިރިއުޅޭ ތަންތަނުގެ ހާލަތު ހުރިގޮތުން، ބިދޭސީންގެ މެދުގައި މި ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭތީ ފުލުހުން ވަނީ އެތަންތަން މޮނީޓާކުރުމުގެ މަސައްކަތް ފަށައިފައެވެ.
ފުލުހުން ބުނީ މާލޭގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުންދާތީ މާލޭގައި ދިރިއުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ދިރިއުޅޭ ތަންތަނުގެ ހާލަތު ހުރިގޮތުން، ބިދޭސީންގެ މެދުގައި މި ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭތީ، ބަލި ފެތުރުން ކޮންޓްރޯލްކޮށް، ހުއްޓުވުމަށްޓަކައި އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ އަދަދެއްގެ ބިދޭސީން އެއްކޮށް ދިރިއުޅޭ، ތޮއްޖެހިފައިވާ ތަންތަނަށް މީހުން ވަދެ ނުކުމެ އުޅުން ކޮންޓްރޯލްކޮށް މޮނީޓާކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ.
މިއަދާ ހަމައަށް ބިދޭސީން ދިރިއުޅޭ ހަ ތަނެއް ފުލުހުން މޮނީޓާކުރަމުން އަންނަ ކަމަށާއި އެފަދަ ތަންތަން މޮނީޓާކުރަމުން އަންނަ އިރު، ޒަރޫރީ ބޭނުމެއްގައި ފިޔަވައި އެފަދަ ތަންތަނުން މީހުން ނުކުމެ ނޫޅެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މާލޭގައި ގިނަ އަދަދެއްގެ ބިދޭސީން އެއް ތަނެއްގައި ދިރިއުޅޭ ކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން އެފަދަ ތަންތަން ފާހަގަކޮށް ބައެއް ބިދޭސީން ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް 86 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި ބަންގުލަދޭޝްގެ 24 މީހަކާއި އިންޑިއާގެ ހަ މީހަކު ހިމެނެއެވެ.