އެމްއެމްއޭ

އަންނަ ހަފްތާގައި އެމްއެމްއޭ ހުޅުވާނީ ހޯމަ ދުވަހާއި ބުދަ ދުވަހު

އަލީ ޔާމިން

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތް ނަމަވެސް އަންނަ ހަފްތާގެ ދެ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފިއެވެ.

އެމްއެމްއޭ އިން ބުނީ އަންނަ ހަފްތާގެ ހޯމަ އަދި ބުދަ ދުވަހު އެ ބޭންކު ހުޅުވާނެ ކަމަށާއި، ނަމަވެސް ހިދުމަތް ދޭނީ ހަމައެކަނި ބޭންކުތަކަށް ކަމަށެވެ.

"އެ ދެދުވަހު އާންމުންނަށް ހިދުމަތެއް ނުދޭނެ. ހަމައެކަނި ޒަރޫރީ ހިދުމަތްތަކަށް އެހެން ބޭންކުތަކަށް ހިދުމަތް ދޭނީ،" އެމްއެމްއޭއިން ބުނެފައިވެއެވެ.

އަންނަ ހަފްތާގެ ހޯމަ އަދި ބުދަ ދުވަހު އެމްއެމްއޭ ހުޅުވިފައި ހުންނާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:30 އަށެވެ. އަދި އެ ދެ ދުވަހުގައި ބޭންކުތައް ހުޅުވާނެ ގަޑިތަކާއި ދޭނެ ހިދުމަތްތައް އެ ބޭންކުތަކުން ހާމަކުރާނެ ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް، މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. އަދި ބޭންކުތައް ވެސް ހުޅުވާފައިވަނީ ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ކޮންމެ ހަފުތާއެއްގެ ވަކި ދުވަސްތަކެއްގައެވެ.