ކުއްލި ޚަބަރު

މިއަހަރުގެ މުލަ ރޯދަ ދުވަހަކީ ހުކުރު ދުވަސް

މިއަހަރުގެ މުލަ ރޯދަ ދުވަހަކީ ހުކުރު ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.

ހަނދާ ބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަދު އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފެންމަތި ނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

"ހިޖުރީ ސަނަތުން 1441 ވަނަ އަހަރުގެ ޝައުބާން މަހުގެ 29، މީލާދީ ސަނަތުން 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވާ ބުދަ ދުވަހުގެ އިރުއޮއްސޭ އިރު ދިވެހިރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފެންމަތި ނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާތީއާއި، މިއަދުގެ އިރުއޮއްސުމަށްފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިފައިނުވާތީއާއި، އިސްލާމީ އެއްވެސް ގައުމަކަށް ވެސް މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނު ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިނުވާތީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި ދިވެހިރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާ މީލާދީ ސަނަތުން 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން 23 ވާ ބުރާސްފަތި ދުވަހަކީ މި ހިނގާ 1441 ވަނަ އަހަރުގެ ޝައުބާން މަހުން 30 ވަނަ ދުވަސް ކަމުގައްޔާއި، 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި ހިނގާ އޭޕްރީލް މަހުގެ 24 ވާ ހުކުރު ދުވަސްކަމުގައި ކަނޑައަޅައިފީމެވެ.،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައިގެ ފަރުޟު އަދާކުރުމަށް ފަރުވާތެރިވުމަށާއި މި މާތް މައްސަރުގައި ﷲގެ ރުއްސެވުމާއި މަޣުފިރަތަށް އެދި ހެޔޮ ކަންތައްތައް ގިނަކުރުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވެ، ވަސިއްޔަތްކުރާ ކަމަށެވެ.

"މުޅި ދުނިޔެއަށް ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ ވަބާއިން އެންމެހައި ދިވެހިންނާއި އިސްލާމީ އުންމަތް އަދި މުޅި އިންސާނީ ދަރިފަސްކޮޅު ރައްކާތެރިކޮށްދެއްވައި ފުރިހަމަ ސިއްހަތާއި އާފިޔަތުގެ ނިއުމަތް އަޅަމެން އެންމެންނަށް މިންވަރުކޮށްދެއްވުން އެދި ﷲ ސުބުހާނަހޫ ވަތައާލާގެ ހަޟްރަތުގައި ދުއާ ދަންނަވަމެވެ. ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށާއި މުޅި އިސްލާމީ އުންމަތަށް މި ބަރަކާތްތެރި ރަމަޟާން މަހަކީ ދަރުމައާއި ސަވާބުން ފުރިގެންވާ އުފާފާގަތި މައްސަރެއް ކަމުގައި ﷲ ސުބުހާނަހޫ ވަތައާލާ ލައްވާށިއެވެ. އާމީން.." މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވިއެވެ.

މުޅި ދުނިޔޭގައި އަދި ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މާލެ ސިޓީ އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާފައިވީ ނަމަވެސް، ފަރުޟު ފަސް ނަމާދާއި ތަރާވީހު ނަމާދު ގޭގައި ކުރުމަށް މީގެ ކުރިން ވެސް އިސްލާމިކް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.