މުހައްމަދު ސިމާއު
ބޭރުން ގެއަށް ގެންނަ ކޮންމެ ކާއެއްޗެއްގައި ވެސް ވައިރަސް ހުރެދާނެ ކަމަށް ބަލައި ރަނގަޅަށް ސާފުކުރުމަށް އިސްކަން ދެއްވުމަށް ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އެދިވަޑައިގެންފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ގެއަށް ކާބޯތަކެތި ވައްދާއިރު އެ އެއްޗެއްގައި ވައިރަސް ނެތް ކަމަށް ބަލައިގެން ނުވާނެ ކަމަށާއި އެހެންކަމުން އެތަކެއްޗެއް ރަނގަޅަށް ސާފުކޮށްގެން ނޫނީ ބޭނުން ނުކުރުން މުހިންމު ކަމަށެވެ.
"ގެއަށް ކާބޯތަކެތި ވައްދާއިރު ތިބޭފުޅުން ވިސްނަންވާނެ ސާފޭސް ކޮންޓެމިނޭޝަން ނުހުންނާނެ ކަމަށް ބަލައިގެން ނުވާނެ. އެއިން ކޮންމެ އެއްޗެއް ކޮންމެ ގެއަށް ވަންނައިރު އެއީ މާލޭގަވިޔަސް ރަށެއްގައި ވިޔަސް އެ ވަންނަ އެއްޗެއްގެ ސާފޭސް ކޮންޓެމިނޭޝަން ހުރެދާނެ ކަމަށް ބަލައިގެން އެތަކެތި ރަނގަޅަށް ސާފުކޮށްފަ ނޫނީ ބޭނުން ނުކުރުން އެއީ އެންމެ މުހިންމު އެއް ކަމަކީ،" މަބްރޫކު ވިދާޅުވިއެވެ.
ބައެއް ކާބޯތަކެއްޗާއި އެއްޗެހީގައި ވަކި ދުވަހެއް ވަންދެން ވައިރަސް ހުންނަ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޑރ. މޫސާ މުރާދު ވިދާޅުވީ، އެކި އެއްޗެހީގައި ވައިރަސް ހުންނާނެ ކަމަށް ކަނޑައެޅިފައިވަނީ އެކި މުއްދަތު ކަމަށާއި ނަމަވެސް އެ މުއްދަތުތައް އެއްވެސް ވަރަކަށް ޔަގީންކުރެވިފައި ނެތް ކަމަށެވެ.
އޭގެ އިތުރުން ކޮރޯނާވައިރަހަކީ މުދާތަކުގެ ތެރެއިން ނުވަތަ ކާބޯތަކެތީގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެއް ކަމަށް ކަށަވަރު ކުރެވިފައި ނެތް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވިއެވެ. ނަމަވެސް މިއީ ދުނިޔެއިން ފެނިގެންއުޅޭ އާ ވައިރަހެއްކަމުން ރައްކާތެރި ފިޔަވަޅުތައް އަޅައިގެން ކޮންމެ އެއްޗެއްގައި ވެސް އަތްލުމަށްފަހު އޮތްދޮވުން މުހިންމު ކަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.