ކޮވިޑް 19

ކޮވިޑާއި ގުޅިގެން މަގުމަތިވެ ދައުލަތުން ބަލަހައްޓަން ޖެހުނު މީހުންގެ އަދަދު 100 އަށް އަރަނީ

މުހައްމަދު ސިމާއު

ކޮވިޑާއި ގުޅިގެން މަގުމަތިވެ ދައުލަތުން ބަލަހައްޓަން ޖެހުނު މީހުންގެ އަދަދު 100 އަށް އަރަން ކައިރިވެއްޖެ އެވެ.

ކޮވިޑް 19އާ ގުޅިގެން ކުއްޔަށް އުޅޭ ތަންތަނަށް ކުލި ނުދެއްކުމުގެ ސަބަބުން ބައެއް ގެތަކުން މީހުން ނެރެ މަގުމަތިކުރަމުންދާކަމުގެ ވާހަކަތައް މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވެސް ދަނީ ފެންމަތިވަމުންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، މިހާތަނަށް ވަންނާނެ ތަނެއް ނެތިގެން 95 މީހަކު ދައުލަތުން ބަލަހައްޓަމުން އަންނަ ކަމަށެވެ.

"މީގެ ތެރޭގައި އެބަ ހިމެނޭ އަމިއްލައަށް ތިބި ތަނުން ނެރެވިފައި ތިބި އާއިލާތަށް ވެސް. އަދި ހަމަ އެބަ ހިމެނޭ އެކި ގޮތްގޮތަށް މުޖުތަމައުގެ ތެރެއިން އެކަހެރިވެފައި ތިބޭ މީހުން، ޑުރަގްގެ ކަންތަކުގައާއި އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ވެސް ހިމެނެ،" މަބްރޫކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ މީހުން ބޭތިއްބުމަށް ޖެންޑާ މިނިސްޓްރީން ވަކި ތަންތަން ކަނޑައަޅައި، އެމީހުން ކައިބޮއެ ހަދާނެ ގޮތްތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ކުލި ނުދެއްކިގެން ގެއިން ނެރޭ މީހުން ޖެންޑާ މިނިސްޓްރީގެ ނަންބަރު 3328393 އަށް ގުޅުމަށް އެމިނިސްޓްރީން އެދެމުން އަންނަ ކަމަށް މަބްރޫކު ވިދާޅުވިއެވެ.