ކޮވިޑް 19

ކޮވިޑާއި ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް ލިބޭނެ އަދަދު މިހަފުތާގައި އިއުލާނުކުރާނެ: މަބްރޫކް

މަރިޔަމް ޝަހުދާ

ކޮވިޑާއި ގުޅިގެން ވަޒީފާ ގެއްލުނު މީހުންނަށް ލިބޭނެ އަދަދު މިހަފުތާގައި އިއުލާނުކުރާނެ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބުރޫކު ވިދާޅުވީ ރިލީފް ޕެކޭޖު ދެގޮތަކަށް ބެހިފައިވާ ކަމަށެވެ. އެއީ ވިޔަފާރަތަކާއި ވަޒީފާގެ ހާލަތަށް އަސަރުކޮށްފައިވާ މީހުން ކަމަށް މަބުރޫކު ވިދާޅުވިއެވެ.

އެގޮތުން ކޮވިޑް 19 އާ ގުޅިގެން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ މީހުންނަށް ރިލީފްގެ ގޮތުގައި ވަކި އަދަދެއް ކަނޑައަޅައި ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި އެގޮތަށް ދިނުމަށް ނިންމާފައިވާ ފައިސާގެ އަދަދާއި ފައިސާ ހޯދުމަށް ކުރަން ޖެހޭ ކަންކަން މި ހަފްތާގައި އިއުލާނު ކުރާނެ ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި މިފަދަ އުނދަގޫތައް ދިމާވެފައިވާ މީހުންގެ ލިސްޓެއް މިހާރު އޮޮތްކަމަށް މަބުރޫކު ވިދާޅުވިއެވެ.

ކޮވިޑް 19ގެ ސަބަބުން ސަރުކާރުން ރިލީފް ދިނުމަށް ނިންމާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްޑީއެފްސީން އަދި ބޮޑެތި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށެވެ. މިގޮތުގެ މަތީން ދިނުމަށް ރާވާފައިވާ ބައެއް ރިލީފް ޕެކޭޖުތަކަށް ލާރި ދޫކުރުމަށް އެޕްރޫވްވެފައިވާކަން މަބްރޫކު ފާހަގަކުރެއްވިއެވެ. އަދި ވަރަށް ގިނަ ބަޔަކަށް ފައިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށްފަހު މި ހަފްތާގައި އިއުލާނު ކުރާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ރާއްޖޭގެ އިގުތިސާދީ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަން އޮތީ ކޮވިޑް 19 އާ ގުޅިގެން ހުއްޓުމަކަށް އައިސްފައެވެ.