ކަރަންޓީީނު ފެސިލިޓީގެ މިހާރުގެ އަދަދަކީ 15 ކަމަށާއި އެއިން ކޮންމެ ތަނެއްގައި އާންމުކޮށް 2 ޑޮކްޓަރުން އަދި 5 ނަރުހުން ތިބޭނެ ކަމަށް ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބުރޫކު ވިދާޅުވީ މިއީ އާންމުކޮށް ކަރަންޓީނު ފެސިލިޓީތަކުގައި ޑޮކްޓަރުންނާއި ނަރުހުން ތިބޭ އަދަދު ކަމަށެވެ. އަދި މި އަދަދުގެ އިތުރުން އަބަދުވެސް އޮންކޯލްގައި ޑޮކްޓަރުންނާއި ނަރުހުން ތިބޭނެ ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި ވަކި ގަޑިތަކެއްގައި ނިކުމެ އިތުރަށް ހާލު ބަލަން ޖެހޭ މީހުންގެ ހާލު ބަލަމުން ގެންދާނެ ކަމަށްވެސް މަބުރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ބަލިމީހުން ގިނަ ކަރަންޓީނު ފެސިލިޓީތަކުގައި ޑޮކްޓަރުންނާއި ނަރުހުން ގިނަވާނެ ކަމަށެވެ. އަދި ކަރަންޓީނު ފެސިލިޓީތަކުގައި ބަލިމީހުން ގިނަވަނީ އާސަންދަ މެދުވެރިކޮށް ބޭސް ކުރަން ދިޔަ މީހުން އަނބުރާ ރާއްޖެ ގެނައުމަށްފަހު ކަރަންޓީނުގައި ބަހައްޓާފައިވުމުގެ ސަބަބުން ކަމަށާއި، އިތުރު ޑޮކްޓަރުންނާއި ނަރުހުން ތިބެނީ މިތަންތާގައި ކަމަށް މަބުރޫކު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. މޫސާ މުރާދު ވިދާޅުވީ އައިޖީއެމްއެޗްގެ ބެލުމުގެ ދަށުގައިވާ ކޮވިޑް ކޭސްތަކަކީ ބޮޑަށް މޮނީޓާ ކުރަން ޖެހޭ ކޭސްތައް ކަމަށެވެ. އަދި އެ ފެސިލިޓީތަކުގައި ތިބޭ އައިޖީއެމްއެޗްގެ ސްޓާފުން ނަގާނީ އަށް ގަޑިއިރުގެ ޑިއުޓީ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.