ރޯދަމަހު ރަނގަޅު ކާނާ ކެއުމަށާއި އިސްރާފު ނުކުރުމަށް ޑރ. މޫސާ މުރާދު އެދިވަޑައިގެންފިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުރާދު ވިދާޅުވީ ރޯދަ މަހުގައި ދިވެހިން ގިނައިން ކައި އުޅެނީ ތެލުލާފައި ހުންނަ އެއްޗެހި ނުވަތަ ސިއްހީ ގޮތުން އެހާ ރަނގަޅު އެއްޗެހި ނޫން ކަމަށެވެ. އަދި ސިއްހަތަށް ރަނގަޅު ނޫން އެއްޗެހި ގިނައިން ކާނަމަ ސިއްހީ މައްސަލަތައް ގިނައިން ދިމާވާނެ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
މީގެ ކުރީ ރޯދަމަސް ތަކުގައިވެސް ގޭސްޓްރިކް މައްސަލަތައް ފަދަ ކަންކަން ގިނަވާ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. އަދި މިއީ ރޯދަ މަހު ސިއްހީ ގޮތުން ރަނގަޅު ނޫން ކާނާ ގިނައިން ބޭނުން ކުރެވޭތީ ވާކަމެއް ކަމަށާއި އެހެން ކަންކަން ހިނގައިފި ނަމަ ސިއްހީ މައްސަލަތައް ދިމާވެ ހޮސްޕިޓަލަށް ދާން ޖެހޭނެ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
ޑރ. މުރާދު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ މި ދަނޑިވަޅަކީ ހޮސްޕިޓަލަށް ދިއުން ވީހާވެސް މަދުކުރަންވީ ވަގުތު ކަމަށެވެ. އަދި ސިއްހީ ގޮތުން ރަނގަޅު ނޫން ކާނާ ކައިގެން ސިއްހީ މައްސަލަ ދިމާވާނަމަ ހޮސްޕިޓަލަށް ދާނެ ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަން ޑރ. މުރާދު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ދަނޑިވަޅުގައި ވީހާވެސް ސިއްހީ ގޮތުން ފައިދާ ހުރި ކާނާ ބޭނުން ކުރުމަށް ޑރ. މުރާދު ލަފާދެއްވިއެވެ.
އެގޮތުން މި ރޯދަ މަހު މެދު މިންވަރު ހިޔާރުކޮށްގެން، ސިއްހަތަށް ރަނަގޅު ކާނާ ބޭނުންކުރުމަށް ޑރ. މުރާދު ނަސޭހަތްތެރިވިއެވެ. އަދި ކާނާ އިސްރާފު ނުވާނެ ގޮތަށާއި، ކާނާގެ ސަބަބުން ސިއްހަތަށް ގެއްލުން ނުވާނެ ގޮތަކަށް ކެއުން ބެހެއްޓުމަކީ އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.