ކަރަންޓީީނުގައި ބެހެއްޓުމަށް ފަހު އައިޖީއެމްއެޗުގައި ފަރުވާދެމުން އައި މީހަކު ނިޔާވެއްޖެ އެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރީންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ އެމީހާ އަކީ ކޮވިޑަށް ޕޮޒިޓިވް މީހެއް ނޫން ކަމަށެވެ. އެމީހާއަަކީ އިންޑިއާއިން ގެނައި މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށާއި އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނީ އޭނާގެ ހުރި ސިއްހީ އެހެން މައްސަލަތަކެއްގައި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން އެމީހާ އަކީ އިންޑިއާއިން ގެނައުމަށްފަހު ކަރަންޓީނު ފެސިލިޓީއެއްގައި ހުރި މީހެއް ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. އަދި އެމީހާ އައިޖީއެމްއެޗަށް ބަދަލުކޮށްފައިވަނީ ފަރުވާއަށް ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
ޑރ. މުރާދު ވިދާޅުވީ އޭނާ ފުރަތަމަ އައިޖީއެމްއެޗްއަށް ގެނެވުމާއެކުވެސް ކޮވިޑް 19އަށް ޓެސްޓު ކުރި ކަމަށެވެ. އަދި އޭނާގެ ހުރި ސިއްހީ މައްސަލަތަކަށް އެކަނި ފަރުވާ ދިނީ އޭނާގެ ޓެސްޓު ނެގެޓިވް ވުމުން ކަމަށާއި އެމީހާ ނިޔާވުމާ ހަމައަށްވެސް އެމީހާގެ ކިބައިން ކޮވިޑް 19ގެ އަލާމާތެއް ނުވަތަ ނިޝާނެއް ނުފެންނަ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް 86 މީހަކު ޕޮޒިޓިވްވެފައިވާ އިރު، 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ރާއްޖެއިން މިބަލީގައި މިހާތަނަށް އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.