ކޮވިޑް 19

ކޮވިޑް ޖެހުނު 80 އަހަރުގެ ދިވެހި މީހާގެ ހާލަތު އިތުރަށް ގޯހެއް ނުވޭ: ޑރ. މޫސާ މުރާދު

މަރިޔަމް ޝަހުދާ

ކޮވިޑް ޖެހުނު 80 އަހަރުގެ ދިވެހި މީހާގެ ހާލަތު އިތުރަށް ގޯސް ނުވާކަމަށް ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ޑރ. މުރާދު މިހެން ވިދާޅުވީ ނޭޝަނަލް އިމަންޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް ޕޭޝަނުންޓުންގެ މައުލޫމާތުދެއްވަމުންނެވެ.

އެގޮތުން ކޮވިޑް 19 ޖެހިގެން އައިޖީއެމްއެޗްގައި މިހާރު ފަރުވާދެމުން އަންނަ މީހާގެ ހާލަތަށް ވަކި ބަދަލެއް ނާންނަ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. އަދި ކުރީގެ ހާލަތުގައި އެމީހާއަށް ފަރުވާދެމުން އަންނަ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.

ކޮވިޑް ޖެހިގެން އައިޖީއެމްއެޗްގެ ދަރުމަވަންތަ ބިލްޑިންގުގައި ފަރުވާދެމުން އަންނަ 80 އަހަރުގެ މީހާއަކީ ދިވެހި ފިރިހެނެއް ކަމަށް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ހުސެއިން ވިދާޅުވިއެވެ. އަދި މި މީހާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އޭނާއަކީ ސްޓްރޯކެއް ޖެހިގެން ދެ އަހަރުވަންދެން އެނދުމަތިވެފައި ހުރި މީހެއް ކަމަށް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ވިދާޅުވިއެވެ.

މީގެ އިތުރުން މި މީހާ އަކީ ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމާއި ކޮލެސްޓްރޯލް ހުރި މީހެއް ކަމަށާއި އޭގެ އިތުރުން ކާއެއްޗެހި ނޭވާހޮޅިއަށް ގޮސްގެން ނިއުމޯނިއާ ޖެހިގެން އޭނާ އެތައް ފަހަރަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދީފައިވެއެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 86 މީހަކަށް ކޮވިޑް 19 ޖެހިފައިވެއެވެ.