ކޮވިޑް 19

މުދާ އުފުލާ މީހުންނާއި ޑެލިވަރީކުރާ މީހުންފަދަ އެންމެން މާސް އަޅައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭނެ: ޑރ. އަފްޒަލް

އަލީ ޔާމިން

މުދާ އުފުލުމާއި ޑެލިވަރީގައި ގެންގުޅޭ އެންމެންގެ އަލާމާތް ހުރިތޯ އެމީހުންގެ ވެރީން ކޮންމެ ދުވަހަކު ބަލަން ޖެހޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ، މާލެ ލޮކްޑައުންކުރުމާއެކު މާލޭގައި ބަލި ފެތުރުމުގެ ފުރުސަތު މިހާރު އެންމެ ބޮޑަށް އޮންނާނީ ޑެލިވަރީ ނުވަތަ އެއްތަނުން އަނެއްތަނަށް ސާމާނު ގެންދާ މީހުންގެ ކިބައިން ކަމަށެވެ. އެހެންކަމުން އެގޮތަށް ޑެލިވަރީގައި ހަރަކާތްތެރިވާ މީހުންވެސް ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއްކަމުގައި ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

"ޑެލިވަރީގައި އުޅޭ ބޭފުޅުންވެސް ރައްކާތެރިކޮށް އުޅެން އެބަޖެހޭ. މާސްކް އެޅުމާއި ގްލޮވްސް ލެއްވުމާ މި ހުރިހާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ،" ޑރ. އަފްޒަލް ވިދާޅުވެއެވެ.

މީގެ އިތުރުން ޑެލިވަރީ ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބިތޯ ކަށަވަރުކުރަން ޖެހޭ ކަމަށާއި އެފަދަ މީހުންގެ ފަރާތުން އެއްވެސް އަލާމާތެއް ފެނޭތޯ ކޮންމެ ދުވަހަކުވެސް ބެލުމަކީ މުހިންމު ކަމެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ، މިހާރު ފެންނަ ބައެއް ކޭސްތަކަށް ބަލާއިރު އަލާމާތް ފެނުމަށް ފަހުވެސް މަސައްކަތަށް ނުކުމެފައި އެބަހުރި ކަމަށާއި އެއީ ވެގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އަލާމާތެއް ހުރި މީހެއް ވިއްޔާ ވަގުތުން ކަމާބެހޭ ފަރާތްތަކަށް އަންގަން ޖެހޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.