އަލީ ޔާމިން
ކޮވިޑް ޖެހުނު 85 ވަނަ މީހާ ވަނީ މިމަހު 14 ވަނަ ދުވަހާއި ހަމަޔަށް އީދު މިސްކިތަށް ގޮސްފައި ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެ އެވެ.
މާލެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ދެ މީހުންނެވެ. އެއީ ކޭސް 85 އަދި 86 އެކެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ، 85 ވަނަ ކޭސް އަކީ ދިވެއްސެއް ކަމަށާއި އޭނާގެ ފަރާތުން އަލާމާތްތައް ފެނިގެން މިމަހުގެ 21 ވަނަ ދުވަހު ވަނީ ފްލޫ ކްލިނިކަށް ދައްކާފައި ކަމަށެވެ.
"އޭނާ އެންމެ ފުރަތަމަ ހުރީ ރައްޓެއްސެއްގެ ގޭގައި. 21 އޭޕްރީލްގައި އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދައްކައި އޭގެ ފަހުން އުޅުނީ އޭނާގެ އަމިއްލަ ގޭގައި،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، އެ މީހާއަކީ މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް އީދު މިސްކިތަށް ނަމާދަށް އަރައި އުޅުނު މީހެއް ކަމަށާއި އެހެންކަމުން އެ ދިމާލުންވެސް ކަނެކްޝަނެއް އިނދެފާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ، އޭނާއާ ގުޅުން ހުރި 13 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.